އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 4500 އަށް އަރައިފި

އެފްރިކާގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި އެބޯލާ ބަލީގައި މިހާތަނަށް 4500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފި އެވެ.

ސިއްހަތު ޖަމިއްޔާއިން އިއްޔެ ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން 7 ގައުމަކުން 9216 މީހަކަށް އެބޯލާ ޖެހިފައިވާކަމަށް ރަޖިސްޓްރީކޮށްފައިވާއިރު މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް 4555 މީހުން ވަނީ މަރުވެފައެވެ. އޭގެ ދެދުވަސް ކުރިން މަރުވި މީހުންގެ އަދަދު އުޅެނީ 4493ގައެވެ.

މިހާރު 7 ގައުމަކުން އެބޯލާ ފެނިފައިވާއިރު ސިއްހަތު ޖަމިއްޔާއިން ވަނީ އެ ހަތް ގައުމު ދެ ގިންތިއަކަށް ބަހާލާފައެވެ. ފުރަތަމަ ގިންތީގައި ހިމަނާފައިވަނީ އެބަލި އެންމެ ބޮޑަށް ފެތުރޭ އެފްރިކާގެ ތިން ގައުމުކަމަށްވާ ގިނީ، ސިރަލިޔޯން އަދި ލައިބީރިޔާއެވެ.

އެ ތިން ގައުމަށް ބަލާއިރު ސިރެލިޔޯންގައި މިމަހުގެ 13 އާ ހަމައަށް 4262 މީހަކަށް އެބޯލާ ޖެހިފައިވާއިރު އޭގެ ތެރެއިން 2484 މީހުން ވަނީ މަރުވެފައެވެ. ލައިބީރިޔާގައި 3410 މީހަކަށް އެބޯލާ ޖެހިފައިވާއިރު 1200 މީހުންވަނީ މަރުވެފައެވެ. ގިނީގައި 1519 މީހަކަށް އެބޯލާ ޖެހިފައިވާއިރު 862 މީހަކު ވަނީ މަރުވެފައެވެ.

ދެވަނަ ގިންތީގައި ހިމަނާފައިވަނީ ސެނެގާލްއާއި ނައިޖީރިޔާ އާއި ކޮންގޯ އަދި ސްޕެއިންގެ އިތުރުން އެމެރިކާއެވެ. މި ގިންތީގައިވާ ގައުމުތަކަށް ބަލާއިރު ސެނެގާލްއިން އެބޯލާޖެހިފައިވާ މީހެއް ފެނިފައިވަނީ އޮގަސްޓްމަހުގެ ތެރޭގައެވެ. އޭގެ ފަހުން އެގައުމުން އެބޯލާގެ އަސަރެއް ފެނިފައެއް ނުވެއެވެ. ނައިޖީރިއާގައި 20 މީހަކަށް އެބޯލާ ޖެހިފައިވާއިރު ސިއްހަތު ޖަމިއްޔާއިން ބުނަނީ އެގައުމުގައި އެބޯލާ ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. ސްޕެއިންގެ ނަރުހަކަށް އެބޯލާ ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު އެމެރިކާގެ ދެ ނަރުހަކަށް ވަނީ އެބޯލާ ޖެހިފައެވެ. އޭގެތެރެއިން އެކަކު ވަނީ މަރުވެފައެވެ.

ސިއްހަތު ޖަމިއްޔާއިން ހާމަކުރާ ގޮތުން އެބޯލާ ފެތުރެމުން އަންނަ ގައުމުތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މީހުންގެ ތެރެއިން މިހާތަނަށް 423 މީހަކަށް އެ ބަލިވަނީ ޖެހިފައެވެ. އަދި އޭގެ ތެރެއިން 239 މީހަކު ވަނީ މަރުވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *