އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބު އަތުން ފަސޭހަކަމާއެކު ކްލަބު އީގަލްސް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރެލިގޭޓްވެފައިވާ މަހިބަދޫ އަތުން ޒުވާން ކުޅުންތެރިންތަކަކާއެކު ކުޅުނު އީގަލްސް މޮޅުވީ 7-1 ލަނޑުންނެވެ.
މިއަދުގެ މެޗުގެ ހަތަރު ވަނަ މިނެޓްގައި އީގަލްސްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ އަހްމަދު ރިޒުވާން އެވެ. މެޗުގެ 27 ވަނަ މިނެޓްގައި އަންސާރު އިބްރާހިމް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 30 ވަނަ މިނެޓްގައި އަންސާރު އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ. ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރިޒްވާން އެވެ.
މިމެޗުގެ 58 ވަނަ މިނެޓްގައި މަހިބަދޫއިން ލަނޑެއް ކާމިޔާބުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑަ ސިލްވާ ބިނާ އެންޑަސަން އެވެ.
މިމެޗުގެ 72 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ޔަސްފާދު ހަބީބު އީގަލްސްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 88 ވަނަ މިނެޓްގައި އަބްދުﷲ ހަނީފް (ބެންޖޯ) އެޓީމުގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އީގަލްސްގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓްގައި އަންސާރު ވަނީ ކާމިޔާބުކޮށްދީފަ އެވެ. މިލަނޑާއެކު އޭނާގެ ހެޓްރިކް ފުރިހަމަވެގެންދިޔަ އެވެ.
މި ނަތީޖާއާއެކު 12 މެޗުން ލިބުނު 20 ޕޮއިންޓާއެކު އީގަލްސް ވަނީ ތިންވަނައަށް ޖެހިލައިފަ އެވެ. 11 މެޗުން ލިބުނު 18 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައި މާޒިޔާ އޮތްއިރު، ރެލިގޭޓްވެފައިވާ މަހިބަދޫއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބު ވެލެންސިއާ އެވެ.