އޭޑީކޭ ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް ބާއްވާ ޚިތާނީ ކޭމްޕު މި ނޮވެމްބަރަހުގެ 25ވާ ބުދަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ނޮވެމްބަރ 25ން 10 ޖެނުއަރީގެ ނިޔަލަށް ބާއްވާ މިއަހަރުގެ ޚިތާނީ ކޭމްޕަށް ނަގާނީ 4950 ރުފިޔާ ކަމަށެވެ.
މި ޕެކޭޖުގައި ދައްކަންޖެހޭ ޑޮކްޓަރަށް އެޕޮއިންޓްމެންޓު ހަމަޖައްސާ ޑޮކްޓަރަށް ދެއްކުމާއި ޚިތާނު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުން ހިމެނޭ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޚިތާނު ކުރުމަށް އެޑްމިޝަން ހެދުމަށް ފަހު (ކުއްޖާ ކުޑަކަމުދިއުމުން) ގެއަށް ފޮނުވާލުމާއި ދެމެދު ކުރެވޭ ބޭސްފަރުވާވެސް މިޕެކޭޖުގައި ހިމެނޭކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
އެހެން ނަމަވެސް ކެއުންބުއިމަށް ހިނގާ ޚަރަދާއި ޚިތާނު ކުރެވުނު ކުއްޖާ ގެއަށްދިއުމަށް ޑޮކްޓަރ ހުއްދަދީީ ޑިސްޗާރޖު ކުރުމަށްފަހު، ހޮސްޕިޓަލުގައި އިތުރަށް މަޑުކުރާ ނަމަ، އެކަމަށް ހިނގާ ޚަރަދު މި ޕެކޭޖުގައި ނުހިމެނޭކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
މިޕެކޭޖުގެ ދަށުން ޚިތާނުކުރާ ކުދިންބައިތިއްބާނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ ވޯރޑެއްގައި ކަމަށާއި އެ މުއްދަތުގައި އިސްކަންދެވޭނީ ނަންނޯޓުކުރާ ތަރުތީބުން ޖާގަހުރި މިންވަރަކުން ކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.
އަދި ނޮވެމްބަރ 25ން ޖެނުއަރީ 10އަށް ޚިތާނު ކުރެވޭނީ މިޕެކޭޖުގެދަށުން އެކަނިކަމަށާއި މިޕެކޭޖުގެ ދަށުން ޚިތާނު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން 10:00އަށް 7624833 ނަމްބަރަށް ގުޅުއްވައިގެން ނުވަތަ [email protected]އަށް އީމެއިލް ފޮނުއްވައިގެން ނަންނޯޓު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އޭޑީކޭ ހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.