މިއަދު ފެށި 18 ވަނަ ސާކް ސަމިޓް:
މިއަދު ފެށި 18 ވަނަ ސާކް ސަމިޓް:

ދުނިޔޭގެ ބާރުތަކުގެ ކުރިމަތީގައި ސާކުގެ އަޑު ނީއްވޭ: ރައީސް ޔާމީން

ދުނިޔޭގެ ބާރުތަކުގެ އެއްވުންތަކުގައި ދެކުނު އޭޝިއާ ސަރަހައްދުގެ އަޑެއް ނީއްވޭ ކަމަށާއި އެހެން ގައުމުތަކާއި އެކު ސާކުން އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ 18 ވަނަ ސާކް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަވަނަ ވެފައިވާ މިޒަމާނުގައި އެހެން ސަރަހައްދުތަކާ އޮންނަ ގުޅުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އެކި ގައުމުތަކާ އެކު ބާއްވާ ގުޅުންތަކުގެ ސަބަބުން ސާކްގެ ކަންކަން ހަރުދަނާ ކުރުމަށް ވިސްނުންތައް ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ  ދެކުނު އޭޝިޔާ ސަރަހައްދަށް ދުނިޔޭގެ ފެންވަރުގައި ބަސްބުނެވެނީ ވަކި ފެންވަރަކަށް ވާއިރު މި ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި އޮތް ސަރަހައްދު ކަމަށެވެ.

ރައީސް ވިދާޅުވީ  21 ވަނަ ގަރުނަކީ ދެކުނު އޭޝިއާގެ ގަރުނެއް ކަމަށާއި އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިސަރަހައްދަށް އިތުރު ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި މިސަރަހައްދުގެ ގައުމުތަކުގެ ސުލްހަ އާއި ކުރިއެރުމުގައި ވިޔަފާރި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވި އެވެ.

”ބަވަނަ ވެފައިވާ ދުނިޔެއެއްގައި ބައިނަލް އަގުވާމީ ގޮތުން ސަރަހައްދީ އެއްބާރުލުމަށް އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ. އެހެން ނަމަވެސް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ޝައުގުވެރިވާ އެހެން ގައުމުތަކާ އެކުގައި ގުޅުން ބަދަހިކުރަން ވެސް އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ،“ ރައީސް ވިދާޅުވި އެވެ.

ސާކަކީ ނަތީޖާ ހާސިލް ކުރުމަށް ވުރެ ބޮޑަށް ވަރަށްބައްދަލުވުންތައް ބާއްވާ ޖަމާއަތެއް ކަމަށް ބައެއް ފަރާތްތަކަކުން ފާހަގަކުރަމުން އަންނަ ކަމަށާއި ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ތަނަކަށް ސާކް ވާންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ހުރިހާ ގައުމުތަކުން އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ނަމަ ސާކަކީ ފަހުރުވެރިވާނެ ފަދަ ޖަމާއަތަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އަށް ގައުމު ކަމަށްވާ ނޭޕާލް، ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަނގުލަދޭޝް، ޕާކިސްތާން، ބޫޓާން އަދި އަފްޣާނިސްތާންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓް މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ސާކް ސަމިޓްގެ އޮބްޒާވަރުންގެ ގޮތުގައި، ޖަޕާން، މޮރިޝަސް، ޗައިނާ، އޮސްޓްރޭލިޔާ، ޔޫރަޕިއަން ޔޫނިއަން، އީރާން، ބަރްމާ، ސައުތު ކޮރެއާ އަދި އެމެރިކާ ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *