ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލެއްވި ގ.ސައިމާ، އާއިޝަތު ބިޝާމަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ބިޝާމް އައްޔަން ކުރުމާއިމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކޮމިޓީއަށް ފޮނުވީ ބިޝާމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ރައީސް ގެ ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހުގަ އެވެ.
ޕީޖީގެ މަގާމުގައި ކުރިން ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ދުރުކުރުމަށްފަހު އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މި ފުރުސަތު ހުޅުވާލުމުން މި މަގާމަށް ކުރިމަތިލާފައިވަނީ ބިޝާމް އެކަނި ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ. ބިޝާމް މިހާރު އަދާކުރަމުން އަންނަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ގެ މަގާމެވެ.