ހައްޖުގެ އަޅުކަމަށް ހަޖޫޖަގާ އެކަމަށް ފުރައްސާރަކޮށް ވާހަކަދެއްކި ބަންގްލަދޭޝްގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ އަބްދުލް ލަތީފު ސިއްދީގީ އޭނާ އެކަން ކުރިކަމަށް އެއްބަސް ވުމުން ޖަލަށް ލައިފި އެވެ.
އަބްދުލްލަތީފް އެކަމަށް އެއްބަސްވުމުން ޖަލަށް ލާފައިމިވަނީ އޭނާއާ ދެކޮޅަށް އެގައުމުގެ މަގުތަކުގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.
އެމެރިކާގައި ހުރެގެން އަބްދުލް ލަތީފް ކުރިން ބުނެފައިވަނީ ހައްޖުގެ އަޅުކަން ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި އެކަމަށް ކުރަނީ ބޭކާރު ބޮޑު ހޭދައެއް ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަބްދުލް ލަތީފް ފުލުހަށް ހާޒިރުވެ އަމިއްލައަށް ހައްޔަރުވީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި އޭނާ ޖަލަށް ލާފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަބްދުލް ލަތީފް އިއްޔެ ކޯޓަށް ހާޒިރު ކުރިއިރުވެސް ކޯޓު ކައިރިއަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަމުން ގެންދިޔައެވެ.
މިކަމާމެދު ބަންގްލަދޭޝްގެ ބައެއް ފަރާތްތަކުން ބުނަނީ އަބްދުލް ލަތީފު ކުރި ކަމަކީ އެކަމަށް މަރުގެ ހުކުމް ހައްގުވާކަމެއް ކަމަށެވެ.