އޮޑިޓާ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް، އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ މިއަދު ހައިކޯޓަށް ބަލައިގެންފި އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ކުރީގެ ސޮލިސިޓަ ޖެނެރަލް އިބްރާހީމް ރިފްއަތު އެވެ.
އޭނާ ހުށަހެޅުއްވީ އޮޑިޓް ގާނޫނަށް ގެނައި އިސްލާހުގެ ދެ ވަނަ މާއްދާގެ (ބ) ގާނޫނު އަސާސީގެ 215 މާއްދާއާއި 218 ވަނަ މާއްދާއާއި ހިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ގާނޫނު އަސާސީގެ 215 ވަނަ މާއްދާގައި ބުނެފައިވަނީ އޮޑިޓަ ޖެނެރަލް އައްޔަން ކުރާނީ ހަތް އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށެވެ.
ގާނޫނު އަސާސީއާއި ގާނޫނުތަކާއި ފުށުއަރާ ދުސްތޫރީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރުހަލާކަމަށްވާ ހައިކޯޓަށް މިމައްސަލަ ހުށަހަޅާފައިވާއިރު އަލުން އޮޑިޓަ ޖެނެރަލަކު އައްޔަން ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ.
މިއަމުރަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅިފަހުން ސަރުކާރުން ވަނީ މަޖިލީހުން އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރުހުންދިން ހަސަން ޒިޔަތު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފައި އެވެ.
ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ ެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވައިގެން މަޖިލީހުން ފާސް ކުރި މި އިސްލާހު ގާނޫނު އަސާސީއާއި ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށްވެސް ވަނީ މައްސަލަ ހުށަހަޅާފައި އެވެ. އެހެން ނަމަވެސް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައި އެވެ.