ފުލުހުންނާއި ”ފޭލި“ ޖަމިއްޔާ ގުޅިގެން އައުޓް ބޯޑް އިންޖީނު މަރާމާތު ކުރަން ދަސްކޮށްދޭ ކޯހެއް ފަށައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބ. އޭދަފުށި ”ފޭލި“ ޖަމިއްޔާ ގުޅިގެން ހިންގާ އައުޓްބޯޑު އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯސް ބ. އޭދަފުށީގައި ފަށައިފި އެވެ.

މި ކޯސް ފެށުމަށްޓަކައި ބ. އޭދަފުށި، މަލްޓީ ޕަރޕަސް ބިލްޑިންގ ގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އެސްޕީ ހަމްދޫން ރަޝީދު ވިދާޅުވީ މިކޯހަކީ ޒުވާނުން ފަންނީ އެކި ދާއިރާތަކުން ތަމްރީންކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ ކުށުގެ ވެށިން ޒުވާނުން ދުރުކުރަމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ. މިފަދަ އިތުރު އެތައް ކޯސްތަކެއް ޒުވާނުންނަށް އަމާޒުކޮށްގެން ފުލުހުން މިހާތަނަށް ހިންގާފައިވާކަން ޗީފް އެސްޕީ ހަމްދޫން ރަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، މިފަދަ އިތުރު ކޯސްތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަންވެސް ޗީފް އެސްޕީ ހަމްދޫން ރަޝީދު ފާހަގަކުރެއްވިއެވެ.

Aud

މި ކޯސް ހިންގުމުގައި ހަސަން ކޯ މެރިންއާއި އެލިއާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި އެބޭފުޅުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި ޗީފް އެސްޕީ ހަމްދޫން ރަޝީދު ވަނީ ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޯތު ޕޮލިސް ޑިވިޜަންގެ ހެޑް، އިސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު ވިދާޅުވީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައިވެސް ޖަމިއްޔާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޞީލަތްތައް ތަންދިން އެންމެ ފުރިހަމައަކަށް އެކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޖަމިއްޔާތަކާ ގުޅިގެން މިފަދަ އިތުރު މަސައްކަތްތައް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އޭގެ އިތުރުން، މި ކޯހަށް އެކި ގޮތްގޮތުން މެރިން ޕޮލިސްގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް މެރިން ޕޮލިސްގެ ވެރިންނަށް އިންސްޕެކްޓަރ އަބްދުﷲ ނަޞީރު ވަނީ ޝުކުރު ދަންނަވާފައެވެ.

ޒުވާނުންނަށް މިފަދަ ފުރުޞަތުތައް ތަނަވަސްކޯށްދިނުމުގައި ހަސަން ކޯ މެރިންއާއި އެލިއާފަދަ ކުންފުނިތަކުން ފުލުހުންނަށް ލިބެމުންދާ އެހިތެރިކަން ފާހަގަކޮށް އިންސްޕެކްޓަރ ޢަބްދުﷲ ނަޞީރު ވިދާޅުވީ މިފަދަ އިތުރު ކޯސްތައް އެހެނިހެން އަތޮޅުތަކުގައިވެސް ހިންގުމަށް ހަސަން ކޯ މެރިންއާއި އެލިއާގެ ފަންނީ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕޮލިހުން ހާމަކުރާ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު މުޅި ރާއްޖެއަށް ހުޅުވާލައިގެން ޔުނެސްކޯ ބަޔޯސްފިއަރ ރިޒަވް އޮފީހުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ކޯހުގައި 4 ފުލުހަކާއި 30 ޒުވާނުންނާއެކު ޖުމްލަ 34 މީހުން ބައިވެރިވެއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިހާއި ހަސަން ކޯ މެރިންއާއި އެލިއާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ހެޑްއާއި ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރުގެ އިތުރުން މެރިން ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒާއި ބ. އަތޮޅު ކޮމާންޑަރ، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ވަޙީދާއި އޭދަފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބައިވެރިވިއެވެ. އޭގެ އިތުރުން، އޭދަފުށި ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންނާއި ޔުނެސްކޯ ބަޔޯސްފިއަރ ރިޒަވް އޮފީހުގެ މެނޭޖަރުގެ އިތުރުން ފޭލި ޖަމިއްޔާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *