ޕެރިހަށް ދިންފަދަ ހަމަލާއެއް އައިސްފާނެކަމުގެ ބިރަށް ބްރަސަލްސްގައި ކުއްލި ހާލަތު އިއުލާން ކޮށްފި އެވެ.
ޕެރިހަށް ދިން ފަދަ ހަމަލާއެއް ބްރަސަލްސްއަށް އައިސްފާނެކަމުގެ ބިރައްޓަކައި ގައުމުގެ ސަލާމަތީ ފިޔަވަޅުތަށް މިހާރު ހުރީ އެންމެ ވަރުގަދައަށް ކަމަށާއި ކުއްލި ހާތަލު އިއުލާން ކޮށް ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަ ކުރީ ހަތިޔާރު އެޅި މީހުން ބްރަސަލްސްގެ އެކި ދިމަދިމާލުގައި ހަމަލާ ދިނުމުގެ ބިރު އޮތުމުންކަމަށް ބްރަސަލްސްގެ ބޮޑުވަޒީރު ޗާލްސް މިޝެލް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި އެވެ.
އަދި ޕެރިސްގައި ދިން ހަމަލާގައި 130 ބައެއް މީހުން މަރާލި ޓެރަރިސްޓުން ބަޔަކު ކުރިން ދިރިއުޅެފައިވަނީ ބްރަސަލްސްގައި ކަމަށް ބީބީސީ އިން ބުނެ އެވެ.
ބްރަސަލްސްގައި ކުއްލި ހާލަތު އިއުލާން ކުރުމާއި ގުޅިގެން އެގައުމުގެ ރެއިލްވޭ ސިސްޓަމް (މެޓްރޯ) އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީ ބަންދުކުރެވިފައިކަމަށް ޚަބަރު ލިބެ އެވެ.
އަދި މީހުން ގިނަ ތޮށް ޖެހިފައިވާ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައިވާކަމަށްވެސް ޚަބަރު ލިބެ އެވެ.
އަދި ގައުމުގެ ހާލަތު އޮތީ ސީރިއަސް ހާލަތުގައި ނަމަވެސް ކޮންޓްރޯލްގައި ކަމަށް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ބްރަސަލްސްގެ އިންޓީރިއަރ މިނިސްޓަރ ޖަން ޖަމްބޮން ވިދާޅުވި އެވެ.
އަންނަ އާދީއްތަ ދުވަހުގެ މެންދުރު ފަހު ބްރަސަލްސްގެ ސަރުކާރުން އެގައުމުގެ ސަލާމަތީ މިންގަނޑު އޮތީ ކިހާ މިންވަރެއްގައިތޯ ބައްލަވާނެކަމުގައި ބޮޑުވަޒީރު މިޝެލް އިތުރަށް ވިދާޅުވި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހަށް ދިން ހަމަލާއަށް ފަހު ވިލާތުގެ ގައުމުތަކުން ދަނީ އެގައުމުތަކުގެ ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރަމުން ނެވެ.