މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިކުރައްވާ ދަތުރުފުޅުގައި ލ.ކައްދޫ އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރ ކާނަލް ޙާމިދު ޝަފީޤާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ. އަދި ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ މި ދަތުރުފުޅުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި ސެންޓްރަލް އޭރިއާގެ ސިފައިންވަނީ އޮނަރ ގާޑެއް އަރުވާފައި ވެ އެވެ.
ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅަކީ އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި އެމްއެންޑީއެފް އޭރިއާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެއް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ޑިފެންސް މިނިސްޓަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރެރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.