ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސް ކްލަބު އަތުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަނެއްކާވެސް އެއްވަނައަށް އަރައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބީޖީ ސްޕޯޓްސް ކްލަބު އަތުން ނިއު ރޭޑިއަންޓް މޮޅުވީ 4-1 ލަނޑުންނެވެ.
މިމެޗުގެ 22 ވަނަ މިނެޓްގައި ރިލްވާން ވަހީދު (ރިލޭ) ދިން ބޯޅައަކުން ނިއުއަށް ލީޑު ނަގައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ބީޖީގެ ސްޕެއިން ފޯވަޑް ޑޭވިޑް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް، ރެފްރީއާ ދިމާލަށް ބުނި ބަސްތަކެއްގެ ސަބަބުން ނިއުގެ ސާބިއާ ކޯޗު ނިކޮލާ ކަަވަޒަވިޗް ބެންޗުން ރެފްރީ ފޮނުވާލި އެވެ. މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.
މިމެޗުގެ 71 ވަނަ މިނެޓްގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ވިލިއަމް މެކޯ ދިން ބޯޅައަކުން އެޓީމަށް އަލުން ލީޑު ނަގައިދިނީ އަސްހަދު އަލީ (އަޑޭ) އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަޑޭއަށް ލިބުނު ބޯޅަ އެއްވެސް އުނދަގުލެއް ނެތި ބީޖީގެ ގޯލްގެ ތެރެއަށް ވަނީ ފޮނުވާލައިފަ އެވެ.
މިމެޗުގެ 87 ވަނަ މިނެޓްގައި ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނިއުގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވިލިއަމް އެވެ. މެޗުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ވިލިއަމް އެވެ.
މި ނަތީޖާއާއެކު 26 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ނިއު އޮތްއިރު، ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އީގަލްސްއާއި ވިކްޓަރީ ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި މަހިބަދޫ އެވެ.