ގާތްތިމާގެ މީހުންނާއި ކިތަންމެ ދުރުގައިވިޔަސް، އެބޭފުޅުންނާއި ގުޅޭނެކަމުގެ ޔަގީންކަން ލިބޭ ޚިދުމަތެއް ކިތަންމެ އެކަހެރި ހިސާބެއްގައިވިޔަސް ނުވަތަ ކިތަންމެ މޫސުން ގޯސްކަމަށްވިޔަސް، އެބޭފުޅެއްގެ އަމިއްލަ ސްމާޓް ފޯން ބޭނުންކުރައްވައިގެން ރަނގަޅު ކަނެކްޝަންއެއް ޤާއިމްކުރެވޭ އުރީދޫ ސެޓަލައިޓް ފޯން އުރީދޫ އިން ތައާރަފް ކޮށްފިއެވެ.
އުރީދޫން ބުނީ އުރީދޫ ސެޓަލައިޓް ފޯންގެ ޚިދުމަތް ފޯރުކޮށްދެނީ ތުރާޔާ ސެޓް ސްލީވް ޑިވައިސްގެ އެހީގައެވެ. މި އުފެއްދުންތެރި ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެބޭފުޅުންގެ ސްމާޓް ފޯން ސެޓަލައިޓް ފޯނެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
”އުރީދޫ ސެޓަލައިޓް ފޯނުގެ ޚިދުމަތް ހޯއްދަވާ ބޭފުޅުންނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ފޯން ކޯލް، އެސް އެމް އެސް އަދި އީމެއިލްގެ ޚިދުމަތް ބޭނުންކުރެއްވޭނެއެވެ. ހަމައެއާއެކު އިންޓަނެޓްގެ ޚިދުމަތް ބޭނުންކޮށް، ފޭސްބުކް، ޓްވިޓަރ، ވަޓްސްއެޕް، ވައިބަރ ފަދަ އެޕްލިކޭޝަންތައް ވެސް ބޭނުންކުރެއްވޭނެ“ އުރީދޫއިން ހާމަ ކުރެ އެވެ.
މި ޚިދުމަތަކީ ވަކިން ޚާއްޞަގޮތެއްގައި މަސްވެރިންނާއި، ކަނޑުމަތީ ގިނަ ވަގުތު ހޭދަކުރައްވާ ބޭފުޅުންނާއި، ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރައްވާ ބޭފުޅުންނަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދޭނެ ޚިދުމަތަކަށް ވުމާއިއެކު، އުރީދޫ ސެޓަލައިޓް ފޯނުގެ ޚިދުމަތް ތައާރަފް ކޮށްދެއްވާފައިވަނީ މިރޭގެ މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ. މުހައްމަދު ޝައިނީ އެވެ.
އުރީދޫން ހާމަކުރަ ގޮތުގައި އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ރެޖިސްޓަރ ވެފައިވާ މަސްވެރިންގެ ތެރެއިން އުރީދޫގެ މި ބޭނުންތެރި ޚިދުމަތް ޚިޔާރުކުރައްވާ ބޭފުޅުންނަށް، ސެޓަލައިޓް ފޯން ޑިވައިސް މުޅިން ހިލޭ ފޯރުކޮށްދެވޭނެއެވެ.
”ދިވެހި މުޖުތަމައުގައި ކުރިމަތިވަމުންދާ މައްސަލަތަކަށް ސްމާޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަރަށް ގިނަގުނަ މަސައްކަތްތައް އެބަ ކުރަން. މިގޮތުން، އުރީދޫ ސެޓަލައިޓް ފޯނުގެ ޚިދުމަތްފަދަ ދިވެހި ރައްޔިތުންނަށް ބޭނުންހިފޭނެ އުފެއްދުމެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މަސްވެރިންނާއި ދަނޑުވެރިންގެ ދުވަހު އެބޭފުޅުންގެ މިންނަތް މަސައްކަތުގެ އަގުވަޒަންކޮށް، މަސައްކަތުގެ މައިދާނުގައި ނުރައްކާތެރި ހާލަތްތަކުގައްޔާއި މޫސުމުގައި ކުރަންޖެހޭ ދިގު ދަތުރުތަކުގައި ރައްކާތެރިވެ ތިބެ، ބޭނުންޖެހޭ ވަގުތު އިތުބާރުކުރެވޭފަދަ ކަނެކްޝަން އެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަރުވަން.“ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.
އުރީދޫއިން އިތުރަށް ހާމަކުރާ ގޮތުގައި އުރީދޫ ސެޓަލެއިޓް ފޯން ޑިވައިސް ގެ އެމެޖެންސީ ކޯލް ބަޓަން މެދުވެރިކޮށް ސްމާޓް ފޯން އަކާއި ގުޅާފައި ނެތަސް، ކުރިން ސެޓް ކުރެވިފައިވާ ނަމްބަރަކަށް އެމަޖެންސީ ހާލަތުގައި ފޯނު ކުރެވޭނެއެވެ. އުރީދޫ ސެޓަލައިޓް ފޯން މެދުވެރިކޮށް ދުނިޔޭގެ ތިންބައިކުޅަ ދެބައިގައި، 161 ގައުމެއްގައި، ނެޓްވަރކް ފޯރުކޮށްދެއެވެ.