ޓީޗަރުންނަށް ޚާއްޞަކޮށްގެން އަތްމަތީ ފޮތަކާއި ކުޑަކުދިންނަށް ޚާއްޞަ ވީޑިއޯއެއް އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރެން (އާރކްއި) ން ތަޢާރަފު ކޮއްފިއެވެ.
ޔުނިސެފްގެ އެހީތެރިކަމާ އެކު ތައްޔާރުކުރި ވީޑިއޯ އާއި ފޮތް ނެރެދެއްވީ ވިލާ ކޮލެޖުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިބްރާހިމެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ އާރކުގެ މި މަސައްކަތަކީ ޓީޗަރުންނަށާއި ކުދިންނަށް ވަރަށް މުހިންމު ކަމަށާއި ކުޑަކުދިންނަށް ދިމާވާ ކަންތައްތަކުގެ އަސަރު މުޅި އުމުރަށް ކުރާނެ ކަމަށެވެ. އަދި އެ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފުސަށް އިތުބާރުނުކުރެވި ކަންކަމަށް ކުރިމަތިލުމުގެ ހިތްވަރު ގެއްލިގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ އުޖާލާ މުސްތަގުބަލެއް ހޯދުމަށް އެންމެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ތައާރަފްކުރި ވީޑިއޯ އާއި ފޮތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް 2010 ވަަނަ އަހަރު އާރކުން ފެށި “ހޯޕް” ކެމްޕެއިންގެ ބައެކެވެެ. މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި މާލޭގެ ސްކޫލުތަކަށާއި ޕްރީސްކޫލު އަދި އަމިއްލަ ޖަމިއްޔާތަކަށް ވަނީ އެ އަތްމަތީ ފޮތް ހަވާލުކޮށްދެއްވައިފައެވެ.
މިއަދު ނެރުނު ފޮތުގައި ޔުނިސެފާއި އާރކް ގުޅިގެން ރަށްރަށަށް ދަތުރުކޮށް އެއްކުރި މައުލޫމާތު ހިމަނާފައިވާނެ ކަމަށާއި އަނިޔާލިބިފައިވާ ކުދިން ދެނެގަންނާނެ ގޮތް ފަދަ މުހިއްމު މައުލޫމާތުވެސް އެ ފޮތުން ލިބޭނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އެ އަތްމަތީ ފޮތް ހަދިޔާކުރައްވާނެ ކަމަށް އާރކްއިން ބުނެއެވެ.
މި ރަސްމިއްޔާތު ނިންމާލާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުން ސަލާމަތްކުރެއްވުން އެދި ކުރި ޚާއްޞަ ދުޢާއަކުންނެވެ.