ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން އަލީ ފަޔާޒް، އަހްމަދު ޝަރީފް ހުސައިން، މޫސާ ސާމިއު އަދި އަސްލަމް އަބްދުﷲ ކަޓައިފި އެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ ސެޝަންގައި ކުޅުނު މެޗުތަކުން ބަލިވި ހަތަރު ކުޅުންތެރިން ވަނީ މުބާރާތުން ކަޓައިފަ އެވެ.

އިބްރާހިމް ހަނީފްއާ ދެކޮޅަށް ކުޅުނު މެޗުން ވާދަވެރި ކުޅުމަކަށްފަހު އަލީ ފަޔާޒް ބަލިވީ 5-7 ފްރޭމްއިންނެވެ. އަހްމަދު ޒިޔާންއާ ދެކޮޅަށް ކުޅުނު މެޗުން އަހްމަދު ޝަރީފް ހުސައިން ބަލިވީ ވެސް 5-7 ފްރޭމްގެ ނަތީޖާއަކުންނެވެ.
ރޭ އަހްމަދު ރަމްޒީއާ ދެކޮޅަށް ކުޅުނު މެޗުން މޫސާ ސާމިއު ބަލިވީ 7-5 ފްރޭމްއިންނެވެ. އަދި ރޭ ހަސަން ޝަފްރާޒްއާ ދެކޮޅަށް ކުޅުނު މެޗުން އަސްލަމް އަބްދުﷲ ބަލިވެފައިވަނީ ވެސް 7-5 ފްރޭމްގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ދެވަނަ ސެޝަންގައި ހަސަން ރާޖޭޝް މޫސާއާ ވާދަކޮށް އަހުސަން ހާޝިމް މޮޅުވީ 7-3 ފްރޭމްއިންނެވެ. ހުސައިން ސަނީފްއާ ވާދަކޮށް ހުސައިން ފަޔާޒް ވެސް މޮޅުވީ 7-3 ފްރޭމްގެ ނަތީޖާއަކުންނެވެ. ޔޫސުފް ޒުބައިރުއާ ވާދަކޮށް ފަސޭހަކަމާއެކު ދުންޔާޒް މުހައްމަދު މޮޅުވެފައިވަނީ 7-2 ފްރޭމްއިންނެވެ. އަދި އަލީ ޝާވިންއާ ވާދަކޮށް ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް މޮޅުވީ 7-4 ފްރޭމްއިންނެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.
މިމަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ހޯދާ ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.