ގައުމަށް ރީތި ނަން ހޯދައިދެމުންދާ ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޒުވާނުންގެ ދުވަހާ ގުޅިގެން ސަރުކާރުން ދޭ ޒުވާނުންގެ އެވޯޑް މިއަހަރު 8 ފަރާތަކުން ހޯދައިފި އެވެ.
ދަރުބޭރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ 8 ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަަންޓް މުހައްމަދު ސައީދު އެވެ.
ވިޔަފާރި އާއި އިގްތިޞާދީ ދާއިރާއިން ޒުވާނުންގެ އެވޯޑް ހާސިލްކުރީ އައިޓީގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާން ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ ނިޔާމް އެވެ. އާޓްސް އެންޑް ކަލްޗާގެ ރޮނގުން އިނާމް ހާސިލްކުރީ ބޮޑުބެރުގައި މަޝްހޫރުކަން ހޯދަމުންދާ އިބްރާހިމް މަމްދޫހު (މަންޑޭ) އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރީ ކުރިން މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ނަމަވެސް، މިހާރު އެކަމާ ދެކޮޅަށް މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެމުންދާ ޒުވާނެއް ކަމަށްވާ ނަސްރުﷲ ނިޔާޒް އެވެ.

ކުޅިވަރަށް ހިދުމަތްކުރަމުންދާ ދެ ފަރާތެއް އެވޯޑް ހާސިލްކުރި އެވެ. އެއީ މިހާރު ދަރިވަރުންނަށް ކުޅިވަރު އުނގަންނައިދެމުންދާ އަދި ކުޅިވަރުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޫސާ އިބްރާހިމްއާއި ނޫސްވެރިކަމުގެ ދާއިރާއިން ކުޅިވަރު ކުރިއަރުވަމުންދާ ޕީއެސްއެމްގެ ނޫސްވެރިޔާ ހަފްސީ އަބްދުﷲ އެވެ.
ދަރުމަވަންތަކަމުގެ ދާއިރާއިން ހިދުމަތްކުރަމުންދާ ފަރާތަށްދޭ އެވޯޑް ލިބުނީ ގާލް ގައިޑެއްގެ ގޮތުގައި މުޖުތަމައުއަށް ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުންދާ ފަރާތެއްކަމަށްވާ ދިމްނާ ފިކުރީއަށެވެ.
މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ދެއްވާ ހާއްސަ އެވޯޑް ދެ ފަރާތަކުން ހާސިލްކުރި އެވެ. އެއީ އެތުލެޓިކްސްއިން ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދެމުންދާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ރަންދިހަ ފަހެއް ނޫޓް ސީރީސްގެ ކުރެހުންތެރިޔާ އަބްދުﷲ ނަޝާތު އެވެ.