އެސްއެލްސީޕީ މަދުކުރުމަކީ ދުޅަހެޔޮކަމާއި އާންމު ދިރިއުޅުމާ ގުޅިލާމެހިފައިވާ ކަމެއް ކަމުގައި ސްޓޭޓް މިނިސްޓަރ އަބްދުﷲ މަޖީދު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު މަޖީދު މިހެން ވިދާޅުވީ ”ސަޕޯޓިންގ ނެޝަނަލް އެކްޝަން ޕްލޭންސް އޮންޝޯޓް-ލިވްޑް ކްލައިމެޓް ޕޮލިއުޓަންޓްސް“ (ސްނެޕް) މަޝްރޫޢު ދިވެހިރާއްޖޭގައި އިފްތިތާހްކުރުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮ އެންވަޔަރަމަންޓް އެންޑް އަނަރޖީ އޮނަރަބަލް އަބްދުﷲ މަޖީދު ވިދާޅުވީ، އާންމު ސިއްހަތު ގޯސްވުމާއި ޒުވާން އުމުރުގައި މަރުވުމުގެ ސަބަބުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް ސަބަބަކީ ވައި ނުސާފުވެ ތަޣައްޔަރުވުން ކަމަށެވެ. އަދި ވައިގެ ނުސާފުކަމުގެ އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރާ ބްލެކް ކާބަން އަކީ އެސްއެލްސީޕީގެ މާއްދާއަކަށްވީތީ، ކުރު މުއްދަތަށް ޖައްވު ތަޣައްޔަރު ކުރާ މާއްދާތައް (އެސްއެލްސީޕީ) މަދުކުރުމަކީ އާންމު ސިއްހަތާއި ދުޅަހެޔޮކަން އަދި އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
”ސަޕޯޓިންގ ނެޝަނަލް އެކްޝަން ޕްލޭންސް އޮން އެސްއެލްސީޕީ، ސްނެޕް (SNAP)“ އަކީ ސީސީއޭސީ އިން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ 11 ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ.
”ސްނެޕް“ގެ މައިގަނޑު އަމާޒަކީ، ކުރު މުއްދަތަށް ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ (އެސްއެލްސީޕީގެ) މިންވަރު މަދުކުރުމަށްޓަކައި ރާއްޖޭގައި ކުރާ މަސައްކަތްތައް އިތުރުކުރުމާއި، މިމަސައްކަތުގައި އެކިއެކި ވުޒާރާތަކާއި، މުއައްސަސާތައް އަދި ޖަމިއްޔާ ޖަމާޢަތްތަކުގެ ގުޅުން ހަރުދަނާކޮށް، ޤައުމީ ފެންވަރެއްގައި ހިންގުންތެރިކަން ކުރިއެރުވުމެވެ. ސީސީއޭސީ އިން ކުރިއަށްގެންދާ އެހެނިހެން ބައިނަލްއަޤްވާމީ މަސައްކަތްތަކުގައާއި ކޯލިޝަނުން މަސައްކަތް ކުރާ އިތުރު ދާއިރާތަކުގައި ދިވެހިރާއްޖެއަށް ބައިވެރިވެވޭނެ މަގުފަހިކުރުވައި ހަރަކާތްތެރިކަން އިތުރުކުރުމަކީ ”ސްނެޕް“ގެ މައިގަނޑު އެއް އަސާސެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިއަދު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަފާތު އެކި ވުޒާރާތަކާއި، މުއައްސަސާތައް އަދި ޖަމިއްޔާތަކުން ދަނީ ބައިވެރިވަމުންނެވެ.
”މިމަސައްކަތުގައި ތިޔަ ބޭފުޅުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް. ތިޔަ ބޭފުޅުންގެ ތަޖުރިބާއާއި ފަންނީ އެހީއަކީ އަގުނުކުރެވޭނެ ކަންކަން. ވީމާ ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ ދާއިރާއިން މިމަސައްކަތްތަކަށް އެއްބާރުލުންދެއްވައި ވަކާލާތު ކޮށްދިނުމަކީ އަޅުގަނޑުމެންގެ އިޚްލާސްތެރި އެދުމެއް،“ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ސްޓޭޓް މިނިސްޓަރ އަބްދުﷲ މަޖީދު އިލްތިމާސްކުރެއްވިއެވެ.
މަޖީދު އިތުރަށް ވިދާޅުވީ އެސްއެލްސީޕީގެ މިންވަރު މަދުކުރުން ވެގެންދާނީ، މޫސުމީ މައްސަލަތަކަށް އަވަސް ހައްލަކާއި ބަދަލެއް ގެނުވުމަށާއި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދާ މިންވަރު 2 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅަކަށް ކަމަށެވެ.