ތުޅާދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

އެ ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑް ކުރިކަން އެލްޖީއޭއިން އަންގާފައިވަނީ އެއޮތޯރިޓީން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ތުޅާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކުރީ އެ އޮތޯރިޓީގެ އެންގުމަށް ތަބާނުވުމުގެ ސަބަބުން ކަމަށެވެ.

އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އެ ކައުންސިލަރުންނަށް މުސާރަޔާ އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް އެލްޖީއޭގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވާގޮތުން އާދީއްތަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ވަންދެން ތުޅާދޫ ކައުންސިލްގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ތުޅާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ.

އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީގެ ބޯޑުން އެ ނިންމުން ނިންމީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބަކީ ތުޅާދޫ ކައުންސިލް މެމްބަރު ޒިޔާއު އިބްރާހީމް ރަޝީދަށް މުސާރަ ނުލިބޭ ގޮތަށް ދެ މަސް ދުވަހަށް ސަސްޕެންޑުކޮށް އެއަށް އަމުލުކުރަން އެންގުމުން އެއީ ޣައިރު ގާނޫނީ އެންގުމެއް ކަމަށް ބުނެ އެ ނިންމުމަށް އަމަލުނުކުރުމަށް ކައުންސިލްގެ ބައްދަލުވުމަކުން ފާސްކޮށްފައި ވާތީ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވެ އެވެ.

އަދި ދެވަނަ ސަބަބަކީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުން ތުޅާދޫ ކައުންސިލް މެމްބަރު އަހްމަދު އަބްދުއްރަހީމަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑުކުރުމުން އެ ނިންމުމަށް ވެސް އަމަލުނުކުރަން ތުޅާދޫ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާތީ ކަމަށް އެލްޖީއޭ ގެ ބަޔާނުގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *