ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި ގަދަވައި ޖެހުމުގެ ސަބަބުން ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުން ނިކުމެ އެގޭގެ ފުރާޅު އަޅައިދީ ގޭގެ އަހުލުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރުން ފެށިގެން ވިލިނގިއްޔަށް ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރައިގާ އެރަށު ގެއެއްގެ ފުރާޅު އެއްލާލާފައިވަނީ މިރޭ 20:45 ހާއިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން، ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާ އެރަށުގައި މިވަގުތު ތިބި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ނިކުމެ އެގޭގެ ފުރާޅު އެޅުމުގެ މަސައްކަތްކޮށް އެގޭގައި ދިރިއުޅެވޭނެގޮތް ހަދައިދިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ވިލިނގިއްޔަށް ކުރަމުންދިޔަ މި ވިއްސާރައިގާ ރަށުތެރެ ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަނުމުގެ ފުރުޞަތު އޮތުމާއެކު ފެންވަނުމުގެ ކުރިން ފުލުހުން ވަނީ ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައިދީ ފެންގަނޑު ނުވަންނަގޮތް ހަދައިދީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގާ ރައްޔިތުންނަށާ މުދަލަށް ލިބޭ ގެއްލުންތައް ކުޑަކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ދަނީ އަތޮޅުތެރޭގެ ރަށްރަށުގައި ޙަރަކާތްތެރި ވަމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.