ބޭންކް އޮފް މޯލްޑިވްސްގެ 33 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ބޭންކުގެ ހިދުމަތް ގާއިމު ކުރުމުގެ އަމާޒު އެ ބޭންކުން ހާމަކޮށްފި އެވެ.
އަހަރީ ދުވަހާއި ގުޅިގެން ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 33 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭންކްގެ މުވައްޒަފުންނަށް ފޮނުއްވެވި މަރުޙަބާގެ ޚިތާބެއްގައި އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އެންޑްރޫ ހީލީ ވަނީ ބޭންކުގެ މާލީކުރިއެރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް މިވަގުތު ނެތް ހަމައެކަނި އަތޮޅު ކަމަށްވާ ވ. އަތޮޅުގައި ބްރާންޗެއް ޤާއިމްކޮށް 20 އަތޮޅު ފުރިހަމަ ކުރާނެކަންވެސް ހާމަކުރެއްވި ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތް ގާއިމްކުރުމުގެ ޕްރޮގްރާމްގެ ދަށުން 160ރަށަކަށް ކޭޝް އެޖެންޓުންގެ މިޚިދުމަތް ފުޅާކުރެވި ހުރިހާ ރަށެއްގައި މި ޚިދުމަތް ގާއިމްކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ވަރަށް ކައިރިވެފައިވާކަންވެސް ވަނީ ހާމަކުރައްވާފައި ކަމަށެވެ.
މި ޚިތާބުގައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން އޭނާ ވިދާޅުވީ އަހަރީ ދުވަސް ފާހަގަކުރާއިރު ބޭންކުން ހޯދާފައިވާ ކުރިއެރުމަށް ބަލާލުމަކީ މުހިންމުކަމެއް ކަމަށާއި އަދި ޚިދުމަތް އިތުރަށް ކުރިއެރުވުމަށް ދެމިތިބޭ ހިނދު މުވައްޒަފުންގެ ބުރަ މަސައްކަތަށް މިފުރުސަތުގައި ޝުކުރުއަދާކުރާ ކަމަށެވެ. އަދި ބޭންކުގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދަނީ މުވައްޒަފުންކަން ފާހަގަކުރާ ކަމަށާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަދި އެހީތެރިވުމަށް ބޭންކުންދޭ އަހަމިއްޔަތު، އަލަށް ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކާއި ކުދި ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތައް ފަދަ ހުރިހާ ކަސްޓަމަރުން ދަނީ ފާހަގަކުރަމުން ކަމަށް ހީލީ ވިދާޅުވެފައިވާކަމަށް ބޭންކުން ބުނެ އެވެ.
ބޭންކުގެ ބްރާންޗް ވިއުގަ ފުޅާކުރުމާ ގުޅޭގޮތުން އެންޑްރޫ ވިދާޅުވެފައިވާކަމަށް ބޭންކުން ބުނީ ކައިރި މުސްތަޤްބަލެއްގައި ވ.އަތޮޅުގައި އަލަށް ބްރާންޗެއް ހުޅުވިގެންދާނެ ކަމަށާއި ވ. އަތޮޅު ކައުންސިލާއެކު މަޝްވަރާތަކެއް ކުރެވި ބްރާންޗް ޤާއިމުކުރާނެ ރަނގަޅު ތަނެއް ފާހަގަކުރެވިފައި ވާކަމަށެވެ. އަދި އުއްމީދަކީ ވ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވީހާވެސް އަވަހަކަށް ޚިދުމަތް ދޭން ފެށުން ކަމަށާއި އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗެއް ހުޅުވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ހީލީގެ ހިތާބުގައި ވިދާޅުވެފައި ވާކަމަށް ބޭންކުގެ ބަޔާނުގައި ވެ އެވެ.
”މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ފައިސާ ނެގުމުގެ ޚިދުމަތް ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކޭޝް އެޖެންޓުން އައްޔަން ކުރުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ ”މި ހަފްތާގައި 160 ވަނަ ރަށަށް މިވަނީ ޚިދުމަތް ފޯރުކޮށްދެވިފައި. މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށްވެސް މި ޚިދުމަތް ލިބިގެންދާނެ.“ ބީއެމްއެލް އިން އަހަމިއްޔަތުކަންދެނީ ހަމައެކަނި މާލެއަށް ނޫންކަމަށާ ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ޚިދުމަތް ދެމުންދާކަން ފާހަގަކޮށް އެންޑްރޫ ވިދާޅުވީ “ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށްވުރެ ގިނަ ބްރާންޗްތައް ބީއެމްއެލް އިން މިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރަމުން. އެހެން ހުރިހާ ބޭންކުތަކެއްގައި ހުރި އޭޓީއެމްއަށް ވުރެ ގިނަ އޭޓީއެމް މެދުވެރިކޮށް ބީއެމްއެލް އިން މިދަނީ ޚިދުމަތްދެމުން. މީގެ އިތުރުން މިއަހަރު ދޫކުރެވުނު ލޯނު މިވަނީ މިދިއަ އަހަރާއި އަޅާ ބަލާއިރު ދެގުނަކުރެވި، މިހާތަނަށް 2.5 ބިލިއަން ރުފިޔާ މިވަނީ މިއަހަރު ލޯނުގެ ގޮތުގައި ދޫކުރެވިފައި. އަހަރަކު ދެހާހަށްވުރެ ގިނަ ދޯނި ބޭންކިންގ ދަތުރު ރާއްޖޭގެ އެކި ރަށްރަށަށް އެބަ ކުރަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުން ކޮންމެ ވަގުތަކު ކޮންމެ ތަނަކުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ޚިދުމަތް ލިބޭ. ހަމައެހެންމެ ތިން ހާސް ފަސް ސަތޭކަ އަށްވުރެ ގިނަ ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރެވޭ. އަޅުގަނޑުމެން މިވަނީ ރާއްޖޭގެ ކޮންމެހިސާބަކުންވެސް އިސްލާމިކް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސައި އަދި މިދަނީ މި ޚިދުމަތް އިތުރަށް ފުޅާކުރަމުން. އަދި ރާއްޖޭގައި ޚިދުމަތްދޭ އެހެން ހުރިހާ ބޭންކެއްގައި މަސައްކަތްކުރާ ޖުމްލަ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުން ބީއެމްއެލްގައި މިދަނީ މަސައްކަތްކުރަމުން. އަދި އަޅުގަނޑު ފަޚްރުވެރިކަމާއެކު ފާހަގަކޮށްލާކަމަކީ މީގެ ތެރެއިން 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންކަން އަދި ތިންބައި ކުޅަ އެއްބައި މުވައްޒަފުން މަސައްކަތްކުރަމުންދަނީ އަތޮޅުތެރޭގައިކަން. މި ބޭންކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ކޮންމެ ފަރުދެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ބޭންކެއް. މިއީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް އަދި ބޭންކުން އަބަދުވެސް މަސައްކަތްކުރަމުންދާނީ އެފަރާތްތަކަށް ޚިދުމަތް ދިނުމަށާއި އެހީތެރިވުމަށް.“ ބީއެމްއެލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވެ އެވެ.
One Response
ލ.އަތޮލު މާމެންދޫގައި ހުންނަ ކޭޝްއެޖެންޓުގެ ގާތަށް ގޮސްގެން ގިނަ ފަހަރަށް ކޭޝް ލިބޭނެގޮތެއް ނުވެއެވެ. ޖެހެނީ ފިހާރައިން ކޮންމެވެސް އެއްޗެއް ގަންނާށެވެ. ބޭންކް އޮފް މޯލޑިވުސްިއން ރަށްރަށުގައި މިޚިދުމަތް ތަޢާރަފުކޮށްފައިވަނީ، ވިޔަފާއރިވެރިންގެ ފައިދާއަށްތޯއެވެ. ނުވަތަ ޢާންމު ރައްޔިތުންގެ ފަސޭހައަށްތޯއެވެ.