މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި އަދި މޫސުމާއި ބެހޭ އިދާރާއިން މުޅިރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިދުވަސްވަރު ދަތުރުކުރައްވާ ނަމަ މޫސުމާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެބޮޑަށް ބަރުނުކުރެއްވުމާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރާ ކަމަށެވެ. އަދި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށާއި ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރާ ކަމަށެވެ.