ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ  (ކ) ، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް (މ) އަދި ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު (ވ) -- ފޮޓޯ: ރާއްޖެއެމްވީ
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ (ކ) ، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމް (މ) އަދި ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު (ވ) -- ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެޓީވީގެ ނޫސްވެރިން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި

މުލީއާގޭ ސަރަހައްދުން ފެނުނު ބޮމެއް ޑިފިއުޒް ކުރުމަށް ސަލާމަތީ ބާރުތަކުން ރޭކުރިއަށްގެންދިޔަ އޮޕަރޭޝަން ކަވަރުކުރުމުގައި ހަރަކާތްތެރިވި ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިޝާ ހުސެއިން ފިޔާޒު މޫސާއާއި އެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިޝާމް އާއި ލީވާން އަލީ ނަސީރު ހައްޔަރުކޮށްފައިވާއިރު އެ ނޫސްވެރިން ދޫކޮށްލުމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސެން ފިޔާޒު މޫސާ އާއި ދެ ނޫސްވެރިން ކަމުގައިވާ މުޙައްދަމަދު ވިސާމް އަދި ލީވާން ޢަލީ ނަސީރު ފުލުހުން އަނިޔާވެރި ގޮތަކަށް ހައްޔަރު ކުރުން ކަންބޮޑުވުމާއެކު ކުށްވެރިކުރާކަމަށާއި މިހާރުން މިހާރަށް އެބޭފުޅުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

”ހޯމަ ދުވަހުގެ ރޭ ހިނގައިދިޔަ ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން މިފަދަ ނުރައްކާތެރި ކަމެއް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ހިނގައިދިޔައިރު ރައްޔިތުން ރައްކާތެރިވާން ޖެހޭ ކަންކަމާ މެދު އެއްވެސް މިންވަރަކަށް މަޢުލޫމާތު ނުދެއްވައި އެފަދަ ނުރައްކާތެރި ޙާލަތުގައިވެސް ރައްޔިތުންނަށް ޚަބަރު ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރައްވަމުން ގެންދެވި މަސައްކަތްތައް ފާހަގަކޮށް މި ޕާޓީން ނުހަނު ޝުކުރު އަދާ ކުރަން“ އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިން ފުލުހުން ހައްޔަރު ކުރުމަށްފަހު އެބޭފުޅުންނަށް އެކި ވަރުގެ އަނިޔާކޮށްފައިވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ. އަދި ނޫސްވެރިޔާ ވިސާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން އެބޭފުޅާގެ ލޯމަތި ދުޅަވެފައިވާ ކަމަށް ވަކީލުން ވިދާޅުވެފައިވާކަމަށާއި އަދި ފިޔާޒުގެ ކަންފަތް މަތީގައި ބާރަށް ޖެހުމުގެ ސަަބަބުން ކަންފަތް ބަށްވެފައިވާކަމަށް ވަކީލުން ވަނީ ވިދާޅުވެފައިވާކަންވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

”ފުލުހުންގެ ވާޖިބަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދިން، ރައްޔިތުންނަށް އަނިޔާކޮށް ޤާނޫނުން އެބޭފުޅުންނަށް ލިބިދޭ ބާރުތަކުގެ ބޭނުން ނުޙައްޤުން ބޭނުން ކުރުމެއް ނޫނެވެ. ފުލުހުންގެ މުވައްސަސާއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި މިފަދަ ޤާނޫނާ ޚިލާފް ކަންކަން ހިނގުމަށް ފުލުހުންގެ ވެރިން ޖާގަ ދެއްވުމުން ހާމަވަނީ އެތައް ގުނައަކުން ފަސާދަވެފައިވާ ފުލުހުންގެ މުވައްސަސާ އިސްލާޙް ކުރެއްވުމަށް އިސްކަން ނުދެއްވާ ކަން“ އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިން އެބޭފުޅުންގެ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހައްޔަރުކޮށް މިފަދަ ލާއިންސާނީ ގޮތަކަށް އެބޭފުޅުންނާ މެދު ކަން ހިންގާފައިވާތީ އެކަން މިހާރުން މިހާރަށް ތަޙްޤީޤް ކުރައްވައި އަނިޔާ ކުރުމުގައި ބައިވެރިވި ފުލުހުން މިހާރުން މިހާރަށް ވަކިކުރެއްވުމަށް ގޮވާލާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *