މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޔުނިސެފް ގުޅިގެން ށ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކުރެވިގެން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ދިނުމާއިބެހޭ މަސައްކަތު ބައްދަލުވުމެއް ށ. އަތޮޅުގައި ފެށިއްޖެއެވެ.
ދެ ބުރަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ބައްދަލުވުމުގައި މިފަހަރު 8 ރަށަކުން 29 ބައިވެރިން ބައިވެރިވެފައިވެއެވެ. މިއަތޮޅުގެ ދެންހުރި ރަށްރަށަށް އަމާޒުކުރެވިގެން 2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.
ރަށްރަށުގެ ހުރިހާ ދާއިރާތަކަކަށް އަމާޒުކުރެވިގެން ކުރިއަށް މިގެންދެވޭ ބައްދަލުވުމުގައި އަތޮޅު ކައުންސިލް، ރަށު ކައުންސިލް، ފުލުހުން، ޞައްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ޖަމްޢިއްޔާ ޖަމާޢަތް އަދި އިޖްތިމާޢީ ދާއިރާގައި ޙަރަކާތްތެރިވެލައްވާ ހުރިހާ ފަރާތްތަކަކުންވެސް ބައިވެރިވެފައި ވެއެވެ.
ނޮވެމްބަރު މަހުގެ 1 ން 4 އަށް ކުރިއަށްމިދާ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޒާހިދުގެ ވާހަކަފުޅުގައި މި ޚިދުމަތަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ މަސައްކަތަކަށްވީހިނދު މުޖުތަމަޢުގައި ނާޒުކު ހާލަތުގައިވާ (ކުޑަކުދިން، އަންހެނުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތް އަދި ޢުމުރުން ދުވަސްވީ މީހުން)ނަށް ރައްކާތެރިކަން ލިބިދިނުމަށްޓަކައި ރަށުގެ ހުރިހާ އިދާރާތަކަކުންވެސް މަސައްކަތްތަކެއް ކުރައްވަންޖެހޭކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ. ޚާއްޞަގޮތެއްގައި އެއްވެސް މީހަކަށް ނުވަތަ ކުއްޖަކަށް ވިޔަސް އަނިޔާއެއް ލިބެމުންދާއިރު ނުވަތަ ރައްކާތެރިކަމެއް ލިބެންޖެހޭ ވަގުތެއްގައި އެ ރައްކާތެރިކަން ކަށަވަރުކުރެވި ނުރައްކަލުން ސަލާމަތްކުރުމަށް ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތް ކުރަންޖެހޭނެކަން ފާހަގަ ކުރައްވާފައިވެއެވެ.
މަސައްކަތު ބައްދަލުވުން އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް ބައިވެރިންނާ މުޚާތަބުކޮށް މި ބައްދަލުވުމުން އަތޮޅުގެ ހުރިހާ ރަށްރަށެއްގެވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މުހިންމުކަންތައްތައް ދެނެގަނެ އެންމެންގެ ރައްކާތެރިކަން ހޯދައި ދިނުމަށްޓަކައި މަސައްކަތްކުރުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެބައެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނޭ ނިޒާމެއްވެސް ޤާއިމުވެފާ އޮތުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ.
އިޖްތިމާޢީ ޚިދުމަތް ގާތުން ފޯރުކޮށްދިމުގެ މަސައްކަތް ފެށިގެންދާއިރު ރަށްރަށުގައިތިބި އެކިއެކި ނާޒުކު ފަރާތްތަކުގެ މަޢުލޫމާތުތައް އެއްކުރެވި ޤަވާޢިދުން އެފަރާތްތަކަށް އެހީތެރިވެ ދިނުމަށް ކުރެވޭކަންތައްތަކުގެ ޕްލޭނެއް އެކުލަވާލެވިގެން ދާނެއެވެ. އެގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އެނދުމަތިވެފައިވާ ފަރާތްތަކުގެ ކައިރިއަށްގޮސް ޙާލަތުބެލުމާއި، ނުކުޅެދުންތެރިކަންވެސް ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި އެކަނިވެރި މައިންނާއި އެކިއެކި އަނިޔާތަކަށް ހުށަހެޅޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ދާއިރާތަކުން ގުޅިގެން ޙައްލުކުރުމަށް މަސައްކަތް ކުރެވޭނެ ފަސޭހަ ގޮތްތަކެއް އެކުލަވާލެވިގެން ދާނެއެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން އިސް ނަގައިގެން ކުރިއަށް މި ގެންދާ މަސައްކަތުގައި މި އަހަރު 4 އަތޮޅެއްގައި (ހދ، ށ، ގދ އަދި އައްޑޫ ސިޓީ)ގައި މި ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ށ. އަތޮޅުގައި މިހާރު ކުރިއަށް މިގެންދެވެނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އަދި 2018 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޚިދުމަތް ފެށޭނެކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.