އެއްހާހުގެ ނޫޓުގައި ނޫނު ސުކުން ނުޖެއްސެވީ ކީއްވެތޯ އެވެ!؟

އައު ނޫޓުތައް ކިތަންމެހާވެސް ރީތިވެފައި ޗާލެވެ. ގަވަރުނަރުގެ ސޮއިވެސް އެހާމެ ރީއްޗެވެ. ނަމަވެސް 500ގެ ނޫޓުގައި އަލިފު ސުކުނެއް އޮތުމުން އެކަމާ ކިޔަންފެށި ފާޑުކިޔުންތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ދެއްވި ރައްދު އެހާ ރީއްޗެއް ނޫނެވެ.

”500 ރުފިޔާގެ ނޫޓުގައި އަލިފު ސުކުން ލިޔެވިފަ ވަނީ ކުށަކުން ނޫން، އާއްމުކޮށް ކިޔާގޮތަށް“ ގަވަރުނަރު ކުރެއްވި ޓްވީޓްގައި ވެ އެވެ.

ސުވާލަކީ މިއެވެ. އަލަށް ނެރުނު ނޫޓުތަކުގެ ތެރޭގައި އެއްހާހުގެ ނޫޓުވެސް ހިމެނެވެ އެވެ. އަހަރުމެން ދިވެހިން އެއްހާސް ކިޔާއިރު ކިޔާ އަޑު މި އިވެނީ ”އެންހާސް“ މިހެންނެވެ. ކަންމިހެން އޮތްއިރު ތިޔަވިދާޅުވާ ބީދައިން އެއްހާހުގެ ނޫޓުގައި ނޫނު ސުކުން ނުޖެއްސެވީ ކީއްވެތޯ އެވެ.

ދެވަނަ ސުވާލަކީ މި އެވެ. ދިވެހިން ރުފިޔާ ކިޔާއިރު އަޑު އިވޭނީ ގިނަފަހަރަށް ”ރުފިއާ“ (ޔ ގެ ބަދަލުގައި އ) ގެ އަޑެވެ. އެހެން ކަމަށްވާނަނަމަ ހުރިހާ ނޫޓެއްގައި ރުފިޔާގެ ބަދަލުގައި ”ރުފިއާ“ ނުޖެއްސެވީ ކީއްވެތޯ އެވެ.

މިކަމާމެދު ފުންނާބު އުސް ލިޔުންތެރިޔާ އަދި އިންފޮމޭޝަން ކޮމިޝަނަރު އަޒީޒު ޖަމާލު، ދުވަހަށް ވިދާޅުވީ އެކަމަނާއަށް ހެއްދެވިފައި އެއޮތީ ކުށެއް ކަމަށާއި މިހާރު އެ މަސައްކަތް ކުރައްވަނީ އެކަން ދިފާއު ކުރައްވަން ކަމަށެވެ.

”އެހެން ކަމަށްވާނަމަ އ ނޫނީ ށ ސުކުމުގެ ފަހަތަށް އހނމ އަތުވެއްޖެނަމަ އާއްމުކޮށް އިވޭނީ ނ ސުކުމުގެ އަޑު، މިސާލަކަށް އިހަށް ހުރޭ، ކިޔާއިރު އަޑު އިވޭނީ އިހަން ހުރޭ، މަށަށް މަދު، ކިޔާއިރު އަޑު އިވޭނީ މަށަންމަދު، އެހެން ކަމަށްވަންޔާ ދިވެހި ރަދީފުން އ ސުކުނާއި ށ ސުކުނާ އުވާލަންވީތޯ؟“ އަޒީޒު ޖަމާލު ސުވާލު އުފެއްދެވި އެވެ.

ކޮންމެއަކަސް ދިވެހި އަދީބުންނާއި ލިޔުންތެރީނާއި ބަހުގެ މާހިރުންގެ ތެރޭގައި މިކަން މިވަނީ ހޫނުވެފަ އެވެ. ގަވަރުނަރު ކުރެއްވި ޓްވީޓަށް ގިނަ ބަޔަކު ރައްދުދީފައިވާއިރު ގިނަ ބަޔަކު އިލްތިމާސް ކުރަނީ ކުރެވިފައިވަނީ ކުށެއްކަމަށް އިއުތިރާފުވެ ކުށް އިސްލާހު ކުރުމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން އަންނަނީ ގަވަރުނަރު ކަމުން ޑރ. އަޒީމާ އިސްތިއުފާ ދެއްވުމަށްވެސް ގޮވާލަމުންނެވެ. އެގޮތުން ޑރ. އަޒީމާގެ އިސްތިއުފާއަށް އެންމެ ފުރަތަމަ ގޮވާލި ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހިމެނެ އެވެ.

އިސްތިއުފާ ދިނުމަށް ގޮވާގޮވުމާއި ކުށެއްކަމަށް ގަބޫލު ކުރަން ގޮވާގޮވުމަށް އަދިވެސް ދިފާއުގައި ގަވަރުނަރު އެއްޗެއް ވިދާޅުވާނަމަ ވިދާޅުވާ އެއްޗެއް ވިދާޅުވުމުގެ ކުރިން އެއްހާހުގެ ނޫޓުގައި ނޫނު ސުކުން އަދި ރުފިޔާ ކިޔާއިރު ނިންމާ އަކުރު އަލިފަކަށް ބަދަލުކުރުން ކިހިނެއްވާނެތޯ އެވެ!؟ އެއީ ގަވަރުނަރު ތިޔަ ވިދާޅުވާގޮތަށް އާއްމުކޮށް ކިޔާގޮތެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *