ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް، އެ އިސްލާހު ގެޒެޓް ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސްފައިވަނީ އެ ގަވާއިދުގެ 8 ވަނަ ބާބުގެ 23 ވަނަ ނަމްބަރަށެވެ. އެގޮތުން އެ ނަމްބަރުގެ (ށ) އިސްލާހުކޮށް އެ ނަމްބަރަށް (ނ) ވަނީ އިތުރު ކޮށްފައެވެ.
އިސްލާހުކޮށްފައިވާ (ށ) އެއީ އެ ބާބުގެ ދަށުން އެޑްވާންސް ފައިސާ ދިނުމުގެ އަކުރެވެ. އިސްލާހުގައި ބުނެފައިވަނީ މަސައްކަތް ޙަވާލުވާ ފަރާތުން، މަސައްކަތާ ހަވާލުވާތާ 45 ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، މަސައްކަތުގެ ޖުމުލަ އަގުގެ %15 އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދެވިދާނެއެވެ. މި ގޮތުން ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ ނިސްބަތުން ފައިސާ ކަނޑަންވާނެ ކަމަށެވެ.
23 ނަމްބަރަށް އިތުރު ކުރި (ނ) ގައި ބުނެފައިވަނީ އަދި މިގަވާއިދަށް ގެނެވޭ އިޞްލާޙަށް ޢަމަލުކުރުމުގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެޑްވާންސް ފައިސާ ނުނަގައިހުރި އެއްބަސްވުންތަކަށް، މި އިޞްލާޙު ގެޒެޓް ކުރާ ދުވަހުން ފެށިގެން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވާކަމަށެވެ.
އިސްލާހު ކުރުމުގެ ކުރިން އެ ގަވާއިދުގެ 8 ވަނަ ބާބުގެ 23 ވަނަ ނަމްބަރުގެ (ށ)ގައި ބުނެފައިވަނީ މަސައްކަތުގެ އަގު ތަކެތީގެ އަގާއެކު -/100,000 ރުފިޔާއަށް ވުރެ ބޮޑުނަމަ، ތިރީގައިމިވާ އުޞޫލުން އެޑްވާންސްގެ ގޮތުގައި ފައިސާ ދެވިދާނެ ކަމަށެވެ. (ށ) މަސައްކަތް ޙަވާލުވާ ފަރާތުން، މަސައްކަތާ ޙަވާލުވާތާ 1 ހަފްތާގެތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، މަސައްކަތުގެޖުމުލަ އަގުގެ %15 އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދެވިދާނެ ކަމަށެވެ. އެގޮތުން މިގޮތުން ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ހުށަހަޅާ ބިލްތަކުން، ކޮންޓްރެކްޓްގެ ޖުމުލަ އަގުގެ ނިސްބަތުން ކަޑަންވާނެ ކަމަށްވެސް އިސްލާހު ކުރުމުގެ ކުރީގެ ގަވާއިދުގައި ބުނެފައިވެއެވެ.
މި މީ މި ގަވާއިދަށް ގެނައި 10 ވަނަ އިސްލާހެވެ. މި އިސްލާހަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.