ބ. ހިބަޅިދޫގައި ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހޯދި ހަތިޔާރުތަކެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ހަތިޔާރުތަކެއް ހުރުމުގެ ޒިންމާ ސީދާ ރައީސް އަބްދުﷲ ޔާމީން ނަގަންޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ ސިފައިންގެ ބަޑިގުދަނުން އެ ހަތިޔާރުތަށް ބޭރުވެފައިވަނީ އަސްކަރިއްޔާގެ ވެރިޔާ ރައސް ޔާމީނަށް ނޭނގިކަމަށް ވަނީނަމަ އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު ރައީސް ކަމުން އިތުއުފާދޭންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހިބަޅިދޫއިން ހަތިޔާރު ފެނުމުގެ ކުރިން ގައުމާ މުހާތަބު ކުރައްވާ ރައީސް ޔަމީން ވަނީ ދިވެހި ސިފައިންނަށް ފުރިހަމައަށް އިތުބާރި ކުރައްވާކަމަށް ވިދާޅުވެފައިކަމަށާއި އެހެން ވިދާޅުވެފައިވަނިކޮށް މިފަދަ ކަމެއް ފެންމަތިވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށްވެސް އަމީން ފައިސަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހިތްތަކުން ބިރުވެރިކަން ފުހެލުމަށް ބަޑިގުދަނުން ހަތިޔާރު ބޭރުވެގެން ގޮސްފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރެވި އެކަން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
”ރައްޔިތުންނަށް އެބަޖެހޭ ކަން ހިނގާދިޔަގޮތް ސާފުކޮށްދޭން. މިނިވަން ތަހުގީގެއް ކުރެވެންޖެހޭ. އެގޮތުން މި ތަހުގީގުގައި ބޭރުގެ ފަރާތްތައްވެސް ބައިވެރިކުރަންޖެހޭނެ. އަދިމިކަމުގައި ޒިންމާވާ ފަރާތްތަކެއް ހޯދާ ފިޔަވަޅު އެޅެންޖެހޭ،“ އަމީން ފައިސަލް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެންބ. ހިބަޅިދޫގައި ހިންގި އޮޕަރޭޝަނެއްގައި ހޯދި ހަތިޔާރުތަކުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ޗައިނާއިން އުފައްދާފައިވާ ދެ ހަތިޔާރެއް ވަނީ ފެނިފަ އެވެ.