ޝާރުކް ހާންގެ 50 ވަނަ އުފަންދުވަސް އައުމުގެ ކުރިއަށް އޭނަގެ ސަޕޯޓަރުން އޭނަގެ އުފަންދުވަސް ފާހަގަކުރަން ފަށައިފިއެވެ.
މިގޮތުން ޖަމްބޯ ޖަތްސް ގެ ނަމުން ނަންދީފައިވާ ދެމެންބަރުންގެ ބޭންޑްއަކުން ޝާރުކް ހާންއަށް ވަނީ ލަވައެއް ހާއްސަކޮށް ހަދިޔާ ކޮށްފަ އެވެ. މިއަކީ އާދައިގެ ލަވައެއް ނޫންކަން ލަވަ ބަލާލުމުން އިނގޭނެ އެވެ. މިލަވަ ހަދާފައިވަނީ ޝާރުކް ހާންގެ ހިޓް ފިލްމް ތައްކަމުގައިވާ ޗަކްދޭ އިންޑިއާ، މޮހައްބަތެއިން، ދިލް ތޯ ޕާގަލް ހޭ، ދިލްވާލޭ ދުކްހަނިޔާ ލޭ ޖައެނގޭ އަދި ރަބްނެ ބަނާދީ ޖޯޅީ ގެ ހާއްސަ ސީންތައް ހިމަނައިގެންނެވެ.
މި ލަވަ ބެލުމަށްފަހު ޝާރުކް ހާން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެވީޑިއޯއަކީ މިވީ ދުވަސްތަކުގައި އޭނައަށް ފެނުނު އެންމެ ގަޔާވި ވީޑިއޯ ކަމަށާއި އެއީ އެންމެ ރަނގަޅު ހަދިޔާކަމަށެވެ. މިހެން ޝާރުކް ހާން ޓްވީޓް ކުރުމުން ލަވަ ހެދި ބޭންޑުން ބުނެފައިވަނީ ޝާރުކް ހާން އެހެން ބުނުމުން އެބޭންޑް އިންޑިޔާގެ އެއްވަނަ ބޭންޑަށް ވެފައިވާކަމަށް ގަބޫލު ކުރާ ކަމަށެވެ.
ޝާހްރުކް ޚާނަށް 50 އަހަރު ފުރޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.