އައުޓްބޯޑު އިންޖީނެއް ވަގަށްނަގައި، ގޯތި ތެރޭގައި ވަޅުލައިގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

މި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި ގއ. ގެމަނަފުށީ ދެކުނުފަރާތުގައި އޮތް ޑިންގީއަކުން ވަގަށް ނަގާފައިވާ އައުޓްބޯޑް އިންޖީނެއް ހޯދައި ދެމީހަކު ގއ. ކޮނޑޭއިން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާއި 25 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައާއި ގުޅިގެން މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގެމަނަފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުން އިންޓެލިޖެންސާއި ގއ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކު އަދި ގއ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓުއަމުރެއްގެ ދަށުން 2015 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 03:30 ހާއިރު ގއ.ކޮނޑޭއިން ކަމަށެވެ.

Gemanafushi2

ވަގަށްނަގާފައިވާ އިންޖީނު ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެނެފައިވާ 18 އަހަރު ނުފުރޭ ކުޑަކުއްޖާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ދެމީހުންނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެ މީހުން ކަމަށާއި މިދެމީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ ހޯމްއެފެއަރޒް އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައި ވާކަމަށެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުއްޖާއަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 25 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *