ފަސްރަށެއްގެ ނަރުދަމާ ނިޒާމު ޑިޒައިން ކުރުމާ ޢަމަލީ މަސައްކަތް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިގޮތުން ސޮއި ކުރެވުނީ ކ. ހިންމަފުއްޓާއި ތ. ވޭމަންޑޫ އާއި ކ. ތުލުސްދޫ އާއި ހދ. ނޮޅިވަރަންފަރާއި ޅ. ނައިފަރުގެ ނަރުދަމާ ނިޒާމު ޑިޒައިން ކުރުމާއި އެރަށްރަށުގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު މަސައްކަތް ބެލެހެއްޓުމަށެވެ.
މި މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރރޖީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުލް މަތީނު މުޙައްމަދު އެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި މި މަސައްކަތް ހަވާލުކުރެވިފައިމިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިޔަށް ގެންދިޔަ އިންޓަރނޭޝަނަލް ޓެންޑަރއެއްގެ ތެރެއިންނެވެ. މި މަސައްކަތަށް ރާއްޖޭގެ ދެ ކުންފުންޏަކުންނާއި ބޭރުގެ ފަސް ކުންފުންޏެއް ހިމެނޭ ގޮތަށް ޖުމްލަ ހަތް ކުންފުންޏަކުން ކުރިމަތިލިއެވެ.
ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި މި މަސައްކަތް ހަވާލުކުރެވިފައިމިވަނީ މަސައްކަތުގެ ތަޖުރިބާ އާއި މިކަމަށް ހުށަހަޅާފައިވާ އަގަށް ރިޢާޔަތްކޮށް އެންމެ މަތީ މާރކްސް ލިބުނު ފަރާތަކީ އެއީކަމަށްވާތީއެވެ.
މި އެއްބަސްވުމުގެ ދަށުން ފަސްރަށުގެ ނަރުދަމާ ޑިޒައިން ކުރުމާއި އަމަލީ މަސައްކަތް ބެލެހެއްޓުމުގެ ޖުމްލަ އަގަކީ 15,363,159.84 ރުފިޔާއެވެ.
މި ފަސް ރަށުގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް ޚަރަދުކުރެވޭނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި މިކަމަށް ޚާއްސަކޮށް އައިޑީބީން ނަގާފައިވާ ލޯނަކުންނެވެ. މިގޮތުން މި ފަސް ރަށްރަށުގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް 231 މިލިއަން ރުފިޔާގެ ލޯނެއް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިން މިހާރުވަނީ ހަމަޖެހިފައެވެ. އަދި މި ލޯނާއިބެހޭ އެއްބަސްބުމުގައި މިހާރުވަނީ ސޮއިކުރެވިފައެވެ.