މިވަޤުތަކީ ބައިނަލްއަޤުވާމީ ލީޑަރުން މޫސުމާއި ބެހޭ އާ ޤާނޫނީ އެއްބަސްވުމަކަށް ދާންވީ ވަޤުތު ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިމަހުގެ 19 ން 23 އަށް ޖަރުމަނުވިލާތުގައި ބޭއްވުނު މޫސުމަށް އަންނަ ބަދަލުކާއިބެހޭ މަޝްވަރާ ބައްދަލުވުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.
ޖަރުމަނުވިލާތުގައި ބޭއްވި ބައްދަލުވުމުގައިވަނީ ޕެރިހުގައި މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ރަސްމީބައްދަލުވުން، ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް) ގެ 21 ވަނަ ޖަލްސާ ގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލާފައެވެ.
މިދެލިކޮޕީއަކީ ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މަންދޫބުންގެ ޚިޔާލު ހިމަނައިގެން އެކުލަވާލެވިފައިވާ މަޝްވަރާ ކަރުދާހެކެވެ. އެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ ވެރިޔަކަށް ހުންނެވީ އެންވައިރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަޖީދެވެ.
50 ޞަފްޙާގެ މިކަރުދާހަކީ ކުރިން ތައްޔާރުކުރެވުނު 20 ޞަފްޙާގެ ދެލިކޮޕީއަށް ވުރެ ރަނގަޅަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބޭނުންތަކާއި، ޙާލަތްތަކަށް އަދި އިސްކަންދޭ ކަންތައްތައް ކުރިޔަށްވުރެ ފުޅާ ދާއިރާއެއްގައި ހިމެނިފައިވާ ދެލިކޮޕީއެއްކަމަށް، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގެ ބައިވެރިން ޤަބޫލު ކުރެއެވެ.
މިދެލިކޮޕީ ޤާނޫނީ އެއްބަސްވުމަކަށް ބަދަލުކުރުމަށްޓަކައި ކުރެވޭ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 30 ން ޑިސެމްބަރު 11 ށް ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕްގެ 21 ވަނަ ބައްދަލުވުމުގައެވެ. އަދި ހަމަޖެހިފައިވާގޮތަށް ކުރިޔަށްދާނަމަ މި ބައްދަލުވުމުގައި އަލަށް އެކުލަވާލެވޭ ޤާނޫނީ އެއްބަސްވުން ފާސް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަލަށް އެކުލަވާލެވޭ އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ތަރައްޤީވެފައިވާ ޤައުމުތަކުން އެންމެ ބޮޑަށް ވަކާލާތުކުރަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކުންނާއި ލިބޭގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ ފައިސާގެ ކަންތައްތައް ތަރައްޤީވެފައިވާ ޤައުމުތައް މެދުވެރިވެގެން މިއެއްބަސްވުމުގެ ދަށުން ހަމަޖެހިގެން ދިއުމުގެ މައްޗަށެވެ.
ވަކިން ޚާއްސަކޮށް 2020 ގެ ފަހުން، މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާނެގޮތްތަކާއި ފައިސާގެ ޔަޤީންކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާގެ ކަންތައްތައް ހަމަޖެއްސުމުގެ މައްޗަށެވެ.
ރާއްޖެއަކީ މިވަގުތު އެލަޔަންސް އޮފް ސްމޯލްއައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ޗެއަރ ކަމަށްވުމާއެކު، އަލަށް އެކުލަވާލެވޭ އެއްބަސްވުމަކީ ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތުތައް ޙިމާޔަތް ކުރެވޭ އެއްބަސްވުމުކަށް ހެދޭތޯ، އެއޯސިސްގެ އެހެނިހެން މެންބަރުންނާއިއެކު ރާއްޖެއިންދަނީ އިސްވެ މަސައްކަތް ކުރަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ދަށުން އެކުލަވާލާ އަދި މިހާރު ޢަމަލުކުރަމުންދާ ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.