އޮކްޓޯބަރ 25 ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓަރމިނަލްގައިހުރި ލަގެޖެއް ވަގަށްނަގައި އޭގައި ހުރި 150،000 ރުފިޔާގެ އަގުރުހުރި ސާމާނު ވިއްކަމުންދަނިކޮށް ދެމީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ވަގަށްނަގާފައިވާ ކަމަށް ބެލެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ވިއްކަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވިގެން 2015 އޮކްޓޯބަ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުރަނގަމަގު، ހޮޓެލް މެމޯރިއަލް ކައިރިން މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށެވެ.
”އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު، އައިޕެޑަކާއި ޕޯޓަބަލް ހާޑްޑިސްކާއި ޕެންޑްރައިވްއާއި ކެމެރާއަކާއި ފޯންތަކެއްގެ އިތުރުން ޖެކެޓެއް ފެނިފައިވޭ، އަދި އެމީހުން ވިއްކަންއުޅުނު ލެޕްޓޮޕެއް ޢާންމުފަރާތަކުން ފުލުހުންނާ ޙަވާލުކޮށްފައިވޭ، މީގެ އިތުރުން، ތަޙުޤީޤުގައި ފުލުހުންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި މާލޭގެ ގެސްޓް ހައުސްއެއް ބަލައި ފާސްކުރިއިރު އެމީހުން ވަގަށްނެގި ލަގެޖާއި އޭގައިހުރި އިތުރު އިލެކްޓްރޯނިކް ސާމާނު ފެނިފައިވޭ“ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.