ހޯދަމުންދިޔަ ތިން ދޯނީގެ ތެރެއިން ދެ ދޯންޏަކުން ދަތުރުކުރި މީހުން ފެނިއްޖެ

ހަބަރެއް ނުވެގެން ހޯދަމުންދިޔަ ތިން ދޯނި ތެރެއިން ދެ ދޯންޏަކުން ދަތުރުކުރި މީހުން ފެނިފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ހޯދަމުންދިޔަ ނޫމަސްދޯނި އަދި އެޓޯލް އެކްސްޕްރެސް ދޯނިން ދަތުރުކުރި މީހުން އެމްއެންޑީއެފް ކޯސްޓްގާޑްޝިޕް ޝަހީދު އަލީއަށް ފެނިފައި ވާކަމަށެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މި ދެ ދޯނިން ދަތުރުކުރި މީހުން ފެނިފައިވަނީ މިއަދު ގާތްގަނޑަކަށް 12:15 ހާއިރު ލ.ގާދޫގެ 50 މޭލު އިރުންނެވެ. މި ދޯނިން ދަތުރުކުރި މީހުން ފެނުނުއިރު ތިބީ ކަނޑުމަތީ އޮތް ކޮންޓޭނަރެއްގެ މަތީގައި ކަމަށާއި މި ކޮންޓޭނަރު މަތީގައި 11 މީހުން ތިބި އިރު އޭގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބޭ ކަމަށާއި އަދި ނޫމަސް ދޯންޏާއި އެޓޯލް އެކްސްޕްރެސް ދޯނި އެސަރަޙަދަށް އަޑިއަށް ގޮސްފައިވާކަމަށް ދޯނިން ދަތުރުކުރި ފަޅުވެރިން މަޢުލޫމާތު ދޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

”މި ދެ ދޯނީގެ ކެޕްޓަނުން މަޢުލޫމާތު ދޭ ގޮތުގައި ދެ ދޯނި އަޑިއަށް ދިޔައީ އިއްޔެގެ 14:30 އާއި 15:00 އާ ދެމެދުގެ ވަގުތެއްގައި، ދޯނިން ދަތުރުކުރި މީހުން ކޮންޓޭނަރު ފެންމަތިކޮށް ފްލޯޓެއް ހަދައިގެން ރައްކާތެރިކަން ހޯދާފައިވޭ، މި ދެ ދޯނިން ދަތުރުކުރި 11 މީހުން ގޮވައިގެން ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީގައި މިހާރު އަންނަނީ ގއ.ވިލިނގިއްޔަށް ދަތުރުކުރަމުން، އަދި މި ދެ ދޯނިން ދަތުރުކުރި އެއްވެސް މީހަކު ގެއްލިފައި ނުވާ ކަމަށް ދެ ދޯނީގެ ކެޕްޓަނުން މަޢުލޫމާތު ދޭ“ އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ދެ ދޯނިން ދަތުރުކުރި މީހުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް ނެގުމަށްފަހު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *