ހަބަރެއް ނުވެގެން ތިން ދޯންޏެއް ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި

ފުރިފަހުން ޚަބަރެއްނުވި ތިން ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މިގޮތުން އިއްޔެ މާލެއިން ފުރައިގެން އއ ކުރަމަތި ރިސޯޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއްކަމުގައިވާ ”މާރަނަ 4“ ޚަބަރެއް ނުވުމާއި ގުޅިގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ ނުވައެއްޖަހާކަންހާއިރު އއ ވެލިގަނޑު ކައިރިން ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއިވާކަމަށާއި މި ދޯނިން ދަތުރުކުރީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް އަދި މިދޯންޏަކީ 75 ފޫޓްގެ ނޫ ކުލައިގެ ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އިއްޔެ މެންދުރުފަހު ވަގުތެއްގައި މާލެއިން ފުރައިގެން ހުވަދު އަތޮޅު ”ރެސިޑެންސް ރިސޯޓް“ އަށް ދަތުރުކުރި ”އެޓޯލް އެކްސް ޕްރެސް“ ސަޕްލައި ދޯނި ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުން އަންނަ ކަމަށެވެ. އަދި  މިދޯނިން ހަތް މީހުން ދަތުރުކުރިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

ގެއްލިގެން ހޯދަމުންދާ ތިންވަނަ ދޯންޏަކީ މިމަހުގެ 23 ވަނަ ދުވަހު މެންދުރު ހުޅުލެއިން މުދާބަރުކޮށްގެން ތ.ދިޔަމިގިއްޔަށް ގޮސް ދިޔަމިގިލިން އިއްޔެ މެންދުރު ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރަމުންދިޔަ ”ނޫމަސް“ ދޯންޏެވެ. އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ފަސް މީހުން ދަތުރުކުރި މިދޯނި ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ.

މި ދޯނިތަކާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި، އެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިލައްވައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *