ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ދިވެހި ސަރުކާރުގެ މަތީފަޑީގައި އިތުބާރުގެ މައްސަލަ ބޮޑުވެފައިވާކަމުގެ އަޑުތަށް ފެތުރިފައިވަނިކޮށް، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލުގެ ޓްވީޓް ހަމަލާތަކެއް ރައީސް ޔާމީނަށް އަމާޒުކޮށްލައިފި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަށްފަހު ނައިބު ރައީސްގެ ޓްވީޓްތައް އިތުރުވެފައިވާއިރު މިއަދުގެ ޓްވީޓްބަރި ފެއްޓި ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ”އެ ދުވަހު މުޅި މަޖިލީހުގައި ގޮވި ލަވަޔަކީ އިތުބާރުގެ ލަވަ ކަމަށާއި ރައްޔިތުންގެ ނިންމުން އެއްފަރާތްކުރުމުގެ ހިތި ނަތީޖާ“ ކަމަށެވެ.
ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ އިތުބާރު ހޯދުމުގެ ނަމުގައި މުޅި ދުސްތޫރީ ނިޒާމު ފުރޮޅާލި ކަމަށާއި އެއްވެސް ހެޔޮ އަޑެއް ނޭހި ކަމަށެވެ.
ޕީޖީ މުހްތާޒްގެ ފޮޓޯއެއް ލުމަށްފަހު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިތުބާރު ހޯދުމުގެ ގޮތުން ރައްޔިތުންގެ ފްލެޓްތައް އިއްޔެ މަގާމާއި ހަވާލުވި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ދިން ކަމަށެވެ.
”މިއަދު މުޅި ގައުމުގައި އިވޭ އަޑަކީ އެމްޕީންނަށް ލިބޭ ކޮރަޕްޓް ފައިސާ އަކީވެސް ތިމަން މަނިކުފާނުދޭ އެއްޗެކޭ ބުނާ އަޑު، މިއީތޯ ހެޔޮ ވެރިކަމަކީ؟“ ޑރ. ޖަމީލުގެ މިއަދުގެ ޓްވީޓްބަރިން ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.
ސްޕްރީމް ކޯޓުގެ ފޮޓޯއެއް ލުމަށްފަހު ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ އިތުބާރު ހޯއްދެވުމަށް ރައީސް ޔާމީން ކުރެއްވި ކަންތައްތަކުން މިއަދު ރައްތިތުންގެ އިތުބާރު މިވަނީ މިނިވަން މުއައްސަސާތަކަށް ގެއްލިފައި ކަމަށެވެ.
”މިއަދު މިނިވަން މުއައްސަސާތަކުން އާންމު ރައްޔިތުންނަށް އިންސާފު ދިނުމަށް މިވަނީ ނުކުޅެދިފައި“ އިތުރު ޓްވީޓެއްގައި ވެ އެވެ.
ޑރ. ޖަމީލްގެ މިއަދުގެ ޓްވީޓްބަރި ނިންމަވާލަމުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ފްލެޓްތަކާއި ނުބައްދަލު އިނާޔަތްތަކާއި އަދި ރަހުމަތްތެރިކަމުގެ ގޮތުން މަގާމު ދީ ކޮރަޕްޓް ކޮށްލި މައްސަލަ އަދި ބެލޭނެ ވަގުތު އަންނާނެ ކަމަށެވެ.