ބަޑިގުދަން ގާއިމްކުރާކަމަށްބުނާ  ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ދުވަސް ފޮޓޯ: ކިޔުންތެރިއެއް
ބަޑިގުދަން ގާއިމްކުރާކަމަށްބުނާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ދުވަސް ފޮޓޯ: ކިޔުންތެރިއެއް

ހަތިޔާރު ގުދަނެއް ހެދުމުގެ ހުއްދައެއް ދީފައިވާނަމަ އެ ހުއްދައެއް ބާތިލު ކުރަން އެމްޑީޕީން ގޮވާލައިފި

ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގައި ބަޑި ހަތިޔާރު ގުދަން ހަދައިގެން ޙަރަކާތްތެރިވުމުގެ ޙުއްދަ ސަރުކާރުން ދީފައިވާނަމަ އެ ހުއްދައެއް ވަގުތުން ބާތިލުކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލީ މިރޭ ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި މިކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް މިހިނދުން މިހިނދަށް ސާފުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ހއ.އުލިގަމުގައި ބަޑި ހަތިޔާރު ގުދަނެއް ޤާއިމުކޮށް ޙަރަކާތްތެރިވުމަށް ބޭރުގެ ގޮތްނޭގޭ ފަރާތަކަށް ދިވެހި ސަރުކާރުން ހުއްދަދީގެން އެކަންކުރަމުންދާކަމުގެ މަޢުލޫމާތު މީޑީއާ މެދުވެރިކޮށް ލިބެމުންދާކަމީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ކުއްލި ސިހުމެއް ލިބުނު ކަމެއް ކަމަށާއި އަދި މިކަމުގެ ކަންބޮޑުވުން މި ޕާރޓީން އިންތިހާއަށް ފާޅުކުރާ ކަމަށެވެ.

”މިގޮތުން ރާއްޖޭގައި ބަޑި ހަތިޔާރު ގުދަނެއް ޤާއިމުކޮށް ހަރަކާތްތެރިވުމަށް ސަރުކާރުން ހުއްދަދީފައިވަނީ ބިދޭސީ ކުންފުންޔެއް ކަމުގައިވާ “ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ލިމިޓެޑް” ނަމަކަށްކިއާ މޯލްޓާ ގައި ހިންގާ އަމިއްލަ ކުންފުންޔަކަށްކަން ހާމަވެފައިވޭ، އަދި އެކުންފުނިން މިހާރު ހއ.އުލިގަމުގައި ބަޑި ހަތިޔާރު ގުދަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގެ މަޢުލޫމާތު ހާމަވެފައިވޭ، މި ބަޑި ހަތިޔާރު ގުދަން އެ ރަށުގައި ޤާއިމުކުރުމަށްފަހު 200 ބިދޭސީ މީހުންގެ މައްޗަށް އެކުލެވޭ ހަތިޔާރު ގެންގުޅުމުގެ ޔުނިޓެއް ޤާއިމުކުރާ ގޮތަށް ހަމަޖެހިފައިވާކަން ވެސް ހާމަވެފައިވޭ“ އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ބަޑި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިދީފައިވަނީ ހަމައެކަނި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރުގެ ގޮތްނޭގޭ ކުންފުންޔަކުން ނުވަތަ އެފަދަ ފަރާތަކުން ބަޑި ހަތިޔާރު ގުދަނެއް ހަދައި، ހަތިޔާރާއެކު ޙަރަކާތްތެރިވެ، ނުވަތަ ތަމްރީނުދޭ ވަސީލަތްތައް ޤާއިމުކުރުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ އަދި ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ސީދާ ގުޅުންހުރިކަމެއް ކަމަށެވެ. އެހެންކަމުން ހއ.އުލިގަމުގައި ބަޑި ހަތިޔާރު ގުދަނެއް ޤާއިމުކުރުމަށް ސަރުކާރުން ހުއްދަދީފައިވާނަމަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން އެކަން ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އަރުވާފައިވޭތޯ ކަށަވަރުކުރަންޖެހޭ ކަމަށާއި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާކަން ކަށަވަރުކުރަންޖެހޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެނޫން ގޮތަކަށް އެފަދަ ހުއްދައެއް ސަރުކާރުން އެއްވެސް ފަރާތަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފާނެ ކަމެއްކަމުގައި ދެކޭ ކަމަށާއި އަދި އެކަމަކީ ރާއްޖޭގެ އަވައްޓެރި ޤައުމުތަކުގެ ކަންބޮޑުވުން ވެސް އިންތިހާއަށް އިތުރުވެގެންދާނޭ ކަމެއްކަމުގައި ވެސް ދެކޭ ކަމަށެވެ.

އެމްޑީޕީން މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވާއިރު އެ ވާހަކަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދޮގު ކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *