މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ބާއްވަމުންގެންދާ ކަންމަތީ ބައްދަލުވުންތައް މިރެއިން ފެށިގެން ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި ނުބޭއްވޭނަކަމަށް ފުލުހުން އެ ޕާޓިއަށް އަންގައިފިއެވެ.
ފުލުހުންގެ މި ނިންމުން އަންގައި، މާލެ ސިޓީ ޕޮލިސް ގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަޙީދު ސޮއިކުރައްވައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާރސަންއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޤާނޫނު ނަމްބަރު 1/2013 “ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގެ 41 ވަނަ މާއްދާއިން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި ކަންމަތީ ބައްދަލުވުންތައް ބޭއްވުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ސިޓީގައި އިތުރަށް ބުނެފައިވަނީ ސިލްސިލާކޮށް އެއްތަނެއްގައި މިގޮތަށް ބައްދަލުވުން ކުރިއަށް ގެންދިއުމުގެ ސަބަބުން، އެސަރަހައްދު ބޭނުންކުރަމުން އަންނަ އާއްމުންގެ ގިނަ ބަޔަކަށް އެ ސަރަހައްދު ބޭނުންކުރުމުގައި ތަފާތު ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެގޮތުން ވިޔަފާރިތަކާއި، ރެސްޓޯރަންޓްތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އެ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ތިބޭ ފަތުރުވެރިންގެ އިތުރުން ދުއްވާ އުޅަންދުފަހަރަށްވެސް ނުހަނު ތަތިތަކާ ކުރިމަތިވަމުން އަންނަކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، މި ދުވަސްވަރަކީ ޖީ.ސީ.އީ އޯލެވެލް އިމްތިހާން ފެށީގެން ކުރިއަށްދާ ދުވަސްވަރަކަށްވެފައި، އެ ސަރަހައްދުގައި އަޑުގަދަވުމުގެ ސަބަބުން ކިޔަވާ ކުދިންނަށް އެކަމުގެ އުނދަގޫ ފޯރަމުންދާތީ ބެލެނިވެރިންގެ ފަރާތުން އެކިއެކި ޝަކުވާތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅެމުންދާކަންވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އިތުރަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާތަނަށް ބޭއްވުނު އެއްވުންތަކުގައި ފުލުހުން ސަލާމަތީކަންކަން ބަލަހައްޓައި، ސަލާމަތްތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށް ރައްޔިތުންނަށް މަގު ބޭނުންކުރުމުގައި ދަތިނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރިނަމަވެސް، އެކަމަށް އިޖާބަ ނުދީ، ދުއްވާތަކެއްޗަށް ދަތިވާގޮތަށް ބައްދަލުވުމުގެ ބައިވެރިންގެ ޢަމަލުތައް ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
“އެހެންކަމުން، މި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތަކުން ޤާނޫނު ނަމްބަރު 01/2013 “ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ.” ސިޓީގައި ވެއެވެ.
އަދި، ޤާނޫނު ނަމްބަރު 01/2013 “ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގެ 30 ވަނަ މާއްދާގައިވާ ފަދައިން، އެއްވުން ބާއްވާކަމުގެ ނޯޓިސް، އެ ނޯޓިސް ދޭ އެއްވުމެއް ބެއްވުމުގެ މަދުވެގެން 36 ގަޑިއިރު ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދޭންވާނެކަމަށްވެސް ސިޓީގައި ވެއެވެ.