ހިމަންދޫގައި ރެޑީ ކޭމްޕް ފަށައިފި

އއ ހިމަންދޫގައި ރެޑީ ކޭމްޕް މިއަދު ފަށައިފި އެވެ.

ފުލުހުން ބުނީ މި ކޭމްޕަކީ ޒުވާނުންނާ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން  ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭ ރެޑީ ކޭމްޕެއް ކަމަށެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް އއ. ހިމަންދޫ ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި 3 ރަށެއްގެ ސްކޫލަކުން ޖުމްލަ 64 ދަރިވަރަކު ބައިވެރިވެފައިވާއިރު މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 10 ދަރިވަރަކާއި މާޅޮހު ސްކޫލުގެ 21 ދަރިވަރެއްގެ އިތުރުން ހިމަނދޫ ސްކޫލުގެ 33 ދަރިވަރެއް ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ.

މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެވޭނެ ކަމަށާއި މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައި ވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

 ”މީގެއިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދިނުމާއި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައިވޭ، ހަމައެއާއެކު  މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވޭ“ ފުލުހުން ހާމަކުރެ އެވެ.

ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން ފުލުހުން ހިންގާ ޕްރޮގްރާމެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *