އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދުގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖުތަކަކީ އެއްވެސް ހަގީގަތެއް ނެތް މެސެޖުތަކެއް ކަމަށް މޯލްޑިވްސް ޑެވެލޮޕްމެންޓް އެލައަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލީޑަރުގެ ރަސްމީ މޯބައިލް ނަމްބަރު އެހެން މޯބައިލްތަކަށް ޑިސްޕްލޭ ވާގޮތަށް ނުހަމަގޮތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސޯޝަލް މީޑީއާތަކުގައި މިހާރު ހާމަކުރަމުންދާ މެސެޖުތަކަކީ އޭގައި އެއްވެސް އަސްލެއް ހަގީގަތެއް އެކުލެވިގެންވާ މެސެޖުތަކެއް ނޫން ކަމަށެވެ.
”މި މެސެޖުތަކަކީ މިއަދުގެ ހާލަތު ބޭނުންކޮށްގެން ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމުގެ ނަމުގައި ގައުމަށް، ރައްޔިތުންނަށް އިހުތިރާމެއް، ކުލުނެއްނެތް ޖާހިލު ބަޔަކު ރާވައިގެން ހިންގަމުންދާ ވަރަށް ދަށު ދަރަޖައިގެ ފިނޑިއަމަލެއް ކަމުގައިވާތީ އެކަން ޕާޓީގެ ފަރާތުން ހިޔަހާސް ފަށުން ކުށްވެރިކުރަން“ އެމްޑީއޭގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީއޭ އޮތީ ރައީސް ޔާމީންގެ ސަރުކާރު ހިމާޔަތްކޮށް ނެގެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ވަރަށް މުރާލިވެ ތިބެ ކުރުމަށް ކަމަށެވެ. އަދި މި ދަނޑިވަޅުގައިވެސް މި ސަރުކާރު ނަގަހައްޓާ، ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ބޭނުންވާ ލަފަޔާއި މަޝްވަރާ ޕާޓީގެ ކަމާއިބެހޭ އެންމެހާ ގުނަވަންތަކަށް ދުވަހުން ދުވަހަށް ދެއްވުމުގައި އެމްޑީއޭގެ ލީޑަރު ހުންނެވީ ވަރަށް ސާބިތުވެޑައިގެން ކަމަށްވެސް އެމްޑީއޭގެ ބަޔާނުގައި ވެ އެވެ.
އެމްޑީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރަށް ކުޑަވެސް ލޮޅުމެއް އަރާފަދަ ކަމެއް ކުރިމަތިވާނަމަ އެކަމާއި ދެކޮޅަށް ޕާޓީން ކުރެވެން އޮތް ކަމެއް ނުކޮށް ދޫކޮށް ނުލާނެ ކަމުގެ މަތިވެރި އަޒުމުގައި ޕާޓީގެ ލީޑަރާއި ޕާޓީގެ މެމްބަރު ސާބިތު ކަމާއެކު ތިބި ކަމަށެވެ.