ހަލާބު ސަރަހައްދުގައި އައިއެސްގެ ބާރު ގަދަކޮށްފި

ސީރިޔާގެ ހަލާބު ނުވަތަ އެލެއްޕޯ ސަރަހައްދުގައި އައިއެސްގެ ބާރުގެ ދަށުން އަތުލާފައިވާ އަވަށްތަކުން ކޮންޓްރޯލް އަލުން އަނބުރާ އައިއެސް އިން ހޯދައި، އެ ސަރަހައްދުގައި އައިއެސްގެ ބާރު ގަދަކޮށްފައިވާކަމަށް ސީރިއާ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ވެރިޔާ ރާމީ އަބްދުލްރަހްމާން ބުނެފައިވަނީ ހަލާބު ސަރަހައްދުގައި އައިއެސްއިން މިހާރު ކޮންޓްރޯލް ހޯދާފައިވާ އަވަށްތަކުގެ ތެރޭގައި ތެލް ސުސީން އަދި ތެލް ގާރާ ހިމެނޭ ކަމަށެވެ. އަދި މި އަވަށްތަކަކީ ކުރިން އައިއެސްގެ ކިބައިން ސަލާމަތް ކޮށްފައިވާ އަވަށްތަކެއްކަންވެސް ރާމީ ފާހަގަކޮށްފައި ވެ އެވެ.

ރާމީ ބުނެފައިވަނީ އައިއެސްގެ މިސްރާބުހުރީ ހަލާބުގެ އިންޑަސްޓްރިއަލް ޒޯން އާ ދިމާއަށް ކަމަށްވާއިރު އެ ސަރަހައްދާއި ދެ ކިލޯ މީޓަރު ކައިރިއަށް އައިއެސްގެ ފައުޖުތައް މިހާރު ޖެހިފައި ވާކަމަށެވެ. އަދި މިއީ ފާއިތުވި އޯގަސްޓުން ފެށިގެން މިހާތަނަށް އައިއެސްއިން ހޯދި އެންމެ ބޮޑު ކާމިޔާބީ ކަންވެސް ރާމީ ފާހަގަކޮށްފައި ވެ އެވެ.

އައިއެސްއިން ކުރިއެރުންތަކެއް ހޯދާފައިމިވަނީ އައިއެސްއާއި ދެކޮޅަށް ރަޝިޔާއިން ހަމަލާ ދޭން ފަށާފައިވަނިކޮށެވެ. ރަޝިޔާއިން ހަމަލާ ދޭންފެށިތާ އިއްޔެ އަށް 10 ދުވަސް ވެފައިވާއިރު ރަޝިޔާއިން އަމާޒުކުރަނީ އައިއެސް އިން ބާރުގަދަކޮށްފައިވާ ސަރަހައްދުތަކަށް ކަމުގައި ރަޝިޔާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ސީރިޔާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ރަޝިޔާގެ ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ސީރިޔާގެ ރައީސް ބައްސާރުލް އަސަދުގެ ވެރިކަމާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކަށެވެ. ސީރިއާ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ހާމަކޮށްފައިވާގޮތުގައި މިހާތަނަށް ރަޝިޔާއިން ދިން ހަމަލާތަކުގެ ތެރެއިން އައިއެސްއަށް އަމާޒުވެފައިވަނީ އެންމެ 10 އިންސައްތަ ހަމަލާ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *