އދ ގެ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އުރީދޫއިން ހާމަކޮށްފި އެވެ.
އދ ގެ އެ އެޖެންޑާއަކީ ދުނިޔޭގައި ފަގީރުކަން ނައްތާލައި، އިންސާނުންގެ ހަޔާތައް ހެޔޮ ބަދަލުތަކެއްގެނެސްދީ، ހުރިހާ އިންސާނުންނަށްވެސް ދުޅަހެޔޮ ރައްކާތެރި މުސްތަޤްބަލެއް ޔަގީން ކޮއްދިނުމަށްޓަކައި ކަނޑައަޅާފައިވާ ޔުނައިޓެޑް ނޭޝަންސްގެ ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ގޯލްސް (ގްލޯބަލް ގޯލްސް) ހާސިލް ކުރުމުގެ އެޖެންޑާއެކެވެ.
އުރީދޫއިން އދގެ މި ޖެންޑާއަށް އެއްބާރުލުން ދޭކަން ހާމަކުރުމަށް ބޭއްވި ނޫސްވެންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވީ އުއްމީދީ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން، ޒަމާނީ މޮބައިލް ޓެކްނޮލޮޖީތަކުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހިފުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށެވެ.
މީގެ 15 އަހަރުކުރިން ތައާރަފް ކުރެވުނު މިލީނިއަމް ޑެވެލޮޕްމެންޓް ގޯލްސްތަކަށް ބިނާކޮށް، 25 ސެޕްޓެމްބަރ 2015 ވަނަ ދުވަހު، ދުނިޔޭގެ 193 ލީޑަރުން ވަނީ ޔޫއެންގެ ގްލޯބަލް ގޯލްސް ތައާރަފްކޮށްފައިވާއިރު މި 17 ލަނޑުދަނޑިއަކީ 2030 ވަނަ އަހަރުގެ ކުރިން ބަނޑުހައި ހޫނުކަމާއި ފަގީރުކަން ނައްތާލައި، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދައި، ދުނިޔޭގައި ހަމަހަމަކަމާއި އިންސާފު ގާއިމް ކުރުމަށްޓަކައި އެކުލަވާލާފައިވާ ވަރަށް އުންމީދީ ލަނޑުދަނޑިތަކެކެވެ.
އެ ބައްދަލުވުމުގައި ޝޯކޯ ނޯޑާ ވިދާޅުވީ ކުރިއަށް އޮތް 15 އަހަރު ތެރޭގައި ވަރަށް ޚާއްޞަ ތިން ކަމެއް ހާސިލްކުރުމަށް، ދުނިޔޭގެ ލީޑަރުން ގުޅިގެން ވަނީ 17 ލަނޑުދަނޑިއަކަށް ވާޞިލްވުމުގެ ޔަގީންކަން އަރުވާފައި ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި، އިޖްތިމާއީ ކުރިއެރުން ހޯދުމުގައި މޮބައިލް ޓެކްނޮލޮޖީގެ ކުޅަދާނަކަން ފެނިފައިވާއިރު، މީގެތެރެއިން 17 ލަނޑުދަނޑި ހާސިލްކުރުމުގައި މޮބައިލް ޓެކްނޮލޮޖީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.
އަދި ރާއްޖޭގައި މި 51 ގްލޯބަލް ގޯލް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ ޓީމުގައި އުރީދޫއިން ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށާއި އުރީދޫ އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ދެމެހެއްޓެނިވި އިޖްތިމާއި ފައިދާތައް ގެނެސްދިނުމައްޓަކައި ޖީއެސްއެމްއޭގެ ކަނެކްޓެޑް ވިމެން ޕްރޮގްރާމް، ޗައިލްޑް ހެލްޕްލައިން އިންޓަނޭޝަނަލް، ހިއުމެނިޓޭރިއަން ކަނެކްޓިވިޓީ ޗާރޓަރ ފަދަ މުހިއްމު ޕްރޮގްރާމްތަކުގައި ތަމްސީލުވެފައިވާ ކުންފުންޏަކަށް ވާއިރު، ދިވެހިރާއްޖޭގެ އިޖްތިމާއީ ތަރައްގީއަށް އުރީދޫގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސޯކޯ ނޯޑޯ ވިދާޅުވި އެވެ.
ހަމަ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕްގެ ސީއީއޯ، ޑރ. ނާސިރް މަރާފީ ވިދާޅުވީ ގްލޯބަލް ގޯލްސް އަކީ ވަރަށް އުއްމީދީ، އަދި ކޮންމެ ފަރުދެއް ނުވަތަ ކުންފުންޏެއްވެސް، އެންމެ ރަނގަޅުގޮތުގައި މިކަމުގައި ބައިވެރިވުމަށް ހިއްވަރުލިބިދޭފަދަ ލަނޑުދަނޑިތަކެއް ކަމަށާއި މޮބައިލް ޓެކްނޮލޮޖީ އަކީ އެކަކު އަނެކަކާއި ގުޅުވާލަދިނުމުގައި އަންދާޒާނުކުރެވޭފަދަ ބޮޑު ކުރިއެރުންތަކެއް ގެނެސްފައިވާ ވަސީލަތަކަށް ވާއިރު، ގްލޯބަލް ގޯލްސްގެ ގިނަ ލަނޑުދަނޑިތައް ކާމިޔާބުކުރުމުގައި މޮބައިލް ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިރައްޔިތުންނަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކަށް، ވިސްނުންތެރި އަދި އުފެއްދުންތެރި ޙައްލު ފޯރުކޮށްދިނުމުގައި އުރީދޫ އިން މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަންދޭ ކަމަށާއި ހަމައެއާއި އެކު، ގްލޯބަލް ގޯލްސް އަކީ ކޮބައި ކަމާއި، މި ލަނޑުދަނޑިތައް ހާސިލް ކުރުމުގައި މުޖުތަމައު އަށް ބައިވެރިވެވޭނެ ގޮތްތައް ދިވެހި ރައްޔިތުންނާއި ހިއްސާކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ.
ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގައިވާ ހުރިހާ ލަނޑުދަނޑިތަކެއް ޙާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ އިތުރުން، އުރީދޫ އިން ބައިނަލްއަގްވާމީ ފެންވަރުގައި ހާއްސަ ތިން ލަނޑުދަނޑިއެއް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫއިން ހާމަކުރެ އެވެ.