ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިވިލް ސާވިސްގެ ހުސް މަގާމުތަކަށް މުވައްޒަފުން ހޯދުން ހުއްޓާލައިފި އެވެ.
މުވައްޒަފުން ހޯދުން ހުއްޓާލިކަން އަންގާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މިއަދު ހުސްކޮށްހުރި ސިވިލް ސާވިސް މަގާމުތަކަށާއި މިއަދުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ހުސްވާ ސިވިލް ސާވިސްގެ މަގާމުތަކަށް މުވައްޒަފުން ނުހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާން ކުރެއްވުމުގެ ކުރިން އެ އޮފީހެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރެއްގެ ހުއްދައާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދެވުމަށް ވެސް ރައީސް އޮފީހުން އެދިވަޑައިގެންފައި ވާކަމަށް ސީއެސްސީގެ ސާކިއުލާގައި ބުނެފައިވެއެވެ.