ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަށް މުހައްމަދު ނާޒިމް އަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އދ ގެ ވޯކިން ގްރޫޕް ފޯރ އާބިޓެރަރީ ޑިޓެންޝަން(ޔޫއެންޑަބްލިއުޖީއޭޑީ) އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކޮށްފައިވާ އާޒިމް މިހެން ބުނެފައިވަނީ އިންޑިއާގެ ”ދަ ނިއު އިންޑިއަން އެކްސްޕްރެސް“ އަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ.
އެ އިންޓަވިއުގައި އާޒިމް ބުނެފައިވަނީ ފުރަތަމަ ބަލާފައިވާނީ ނާޒިމް އަށް ކޮށްފައިވާ ހުކުމަށް ރާއްޖެއިން ހައްލެއް ލިބޭތޯ ކަމަށާއި އެހެންނަމަވެސް މިހާރު އެ މައްސަލަ ޔޫއެންޑަބްލިއުޖީއޭޑީ އަށް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އާޒިމް ބުނެފައި ވެ އެވެ.
ނިއުއެކްސްޕްރެސް އަށް އާޒިމް ދީފައިވާ އިންޓަވިއުއަކީ ނާޒިމްގެ ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވަން ސަރުކާރުން ދެކޮޅުހަދާތީ އެކަމާއި ގުޅިގެން ދިއްލީގެ އިންޓަނޭޝަނަލް ރެޑް ކްރޮސް ކޮމިޓީގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރުމަށް އިންޑިއާއަށް ގޮސް ދީފައިވާ އިންޓަވިއު އެކެވެ. އާޒިމް އާއެކު އެ ދަތުރުގައި ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ އިންޓަވިއުގައި އާޒިމް ބުނެފައިވަނީ ނާޒިމްގެ ލޮލުގެ ފެނުން ދުވަހެއް ދުވަހަކަށް ފަނޑުވަމުން އަންނަ ކަމަށާއި ލޮލުން ފެނުން ގެއްލުމަކީވެސް ހަމަ އެކަށީގެންވާ ކަމަށެވެ.
”މިއީ ސިންގަޕޫރަށް ވުރެ މާ ކައިރީގައި އޮތް ގައުމެއް، ރަނގަޅު ވަސީލަތްތައް ހުރި ގައުމެއް، ސިންގަޕޫރު އޮތީ މާ ދުރުގައި ، އަނެއްކާ ހަރަދު އެހާ ބޮޑު“ އާޒިމް ވިދާޅުވެފައި ވެ އެވެ.
ޖަލުގައި ނާޒިމްއަށް ވިހައެއް ދޭ ކަމަށް ދެކެވޭ ވާހަކަ އެއިންޓަވިއުގައިވެސް ފާހަގަކުރި އެވެ. އަދި އެކަމުގެ ހެއްކެއް ނެތްނަމަވެސް އެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެއް ކަމަށް އާޒިމް ބުނެފައި ވެ އެވެ.
ނާޒިމް އަށް އިއްވާފައިވާ ހުކުމުގެ މައްސަލަ އދގެ ވޯކިން ގްރޫޕަށް ހުށަހަޅާނެކަމުގައި އާޒިމް ބުނެފައިވާއިރު 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މައްސަލަ އދ ގެ ވޯކިން ގްރޫޕަށް ހުށަހެޅުމުން އެ ގްރޫޕުން ވަނީ ނަޝީދާ އެއްކޮޅަށް އެ މައްސަލަ ނިންމާފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ.