މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 21 ރަބަރު ޕެކެޓާއި ކުޅުދުއްފުށީ ގެއަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާއާއި ގަހަނާތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ގެއަކުން ގިނަ ޢަދަދެއްގެ ފައިސާއާއި ގަހަނާތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 09:20 ހާއިރު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.
”ވަގަށް ނަގާފައިވާތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވަނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ދެމީހުން ދިރިއުޅެމުންދާ ގެތައް ބަލައިފާސްކުރިއިރު އެގެތަކުން، އެގޮތުން 28 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގަހަނާތައް ފެނިފައިވަނީ އެގޭ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށް، އަދި މިމީހާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރޭގައި ހުރި ކަނބަޑެއްގެ ތެރޭގައި އޮތް ޖިންސެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 21 ރަބަރު ޕެކެޓް ފެނިފައިވޭ، މީގެއިތުރުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/900 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވޭ“ ފުލުހުން ބުނެފައި ވެ އެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެން މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތަރުފާލުމަތީ ހުރި އަންނައުނު ތަކެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/14100 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށާއި އަދި މި އަންހެން މީހާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ޖީބުނ -/2200 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާއިރު ބޭރު ފައިސާވެސް ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރެ އެވ.
ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން 28 އަހަރުގެ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއަކީ މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި މިމައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.