މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖުވެރިންގެ ދެވަނަ ގްރޫޕު ރޭ ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކުރާގޮތުގައި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭ 10:30 ހާއިރު އެވެ.
އެ ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1300 ދިވެހިން ސައުދީއަރަބިއްޔާއަށް ދިޔަ އެވެ. ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައިވަނީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ.
ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ތިންވަނަ ގްރޫޕު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް އައި ޑިލޭއަކާއި އެދު ހައްޖާޖީން މިހާރު ތިބީ މެގަ މޯލްޑިވްސް އިން ހަމަޖައްސާދެއްވި ހޮޓަލެއްގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރެ އެވެ. އަދި އެ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު ހައެއް ޖަހާއިރު ކަމަށާއި ރާއްޖެ އާދެވޭނީ މެންދުރު 2:30 ހާއިރު ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި ހައްޖުވެރިން ރާއްޖެ އަންނަމުންދަނީ މައްކާއަށް ދިޔަ ތަރުތީބުންނެވެ. މިއަދު މެންދުރު ރާއްޖެ އަންނަ ފްލައިޓް އައުމާއެކު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖުވެރިން ރާއްޖެ އައިސް ނިމުނީ އެވެ.
ހައްޖު ކޯޕަރޭޝަންގެ އިތުރުން، ތިން ގްރޫޕަކުންވެސް މި ފަހަރު ވަނީ ހައްޖަށް މީހުން ގެންގޮސްފަ އެވެ. އެއީ މިނާ ހައްޖު އުމްރާ ގްރޫޕާއި، ސިސިލްފަރު ހައްޖު އުމްރާ ގްރޫޕާއި އަދި ޒައީ ގްރޫޕުންނެވެ.
މިގްރޫޕްތަކުގެ ހަވާލުގައި 700 މީހުން ވަނީ ހައްޖަށް ގޮސްފައިވާއިރު މި ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުއެވެ.