އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިއްޔެއިން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގައި އުމްރާއަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް ލައްކަ ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީގައި ބެހެއްޓުމަށް ފަހު އެވެ. މިގޮތަށް ހަމަޖެއްސީ ފަހަކަށް އައިސް ހައްޖަށާއި އުމްރާއަށް ދާން ފައިސާ ދައްކާ ފަހުން މައްސަލަތައް ކުރިމަތިވެ ބައެއް މީހުންނަށް އަޅުކަން އަދާ ކުރުމަށް ދިއުމުގެ ފުރުސަތު ގެއްލޭތީ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީން ހުއްދަނަގައިގެންދާ ފަރާތްތަކަށް ސައުދީ އަރަބިއްޔާއިން ހަމަޖައްސަންޖެހޭ އިންތިޒްމތައް ަމަޖެއްސުމުގައި ލުއި ފަސޭހަވާނެ ކަމަށެވެ. އެހެން ނަމަވެސް ބޭނުންވާ އަމިއްލަ ކުންފުނިތަކަށް ހުއްދަ ނުނަގާ ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިފަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާ ފަރާތްތަކުގެ މުހިންމު ޝަރުތަކެއް ހުންނަން ޖެހޭގޮތަށް ވަނީ ކަނޑައަޅާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުއްދަ އަށް އެދޭ ކުންފުންޏަކީ ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވުމާއި ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމްތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި ފާއިތުވި އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖު ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.