ދާދި ފަހުން މަޝްހޫރު ވެގެންއައި އެބޯލާއަކީ ނުރައްކާތެރި ވައިރަހެކެވެ. އެހެންކަމުން ގިނަބައެއްގެ ތެރޭގައި އެބޯލާވަނީ މަގުބޫލު ނަމަކަށްވެފައެވެ. ”އެބޯލާ.ކޮމް“ ސައިޓްގެ ވެރިޔާ ޑޮމައިން ގަނެފައިވަނީ 2008 ވަނަ އަހަރުގައެވެ. އެނާ ޑޮމައިން ގަތް އަގެއް ހާމަކޮށްފައެއް ނުވެއެވެ. އާއްމުގޮތެއްގައި ޑޮމެއިންއެއްގެ އަގު އަހަރަކަށް ބަލާއިރު އުޅެނީ 10 ޑޮލަރާއި 80 ޑޮލަރާ ދެމެދުގެ ރޭންޖެއްގައެވެ.
މިހާރު ދުނިޔޭގެ ގިނަ ބަޔަކު ދަންނަ ނަމަކަށް އެބޯލާ ވެފައިވާއިރު ޑޮމައިންގެ ވެރިމީހާ ކަމަށްވާ ޖޯން ޝަލްޓްޒް ޑޮމައިން ވިއްކާލުމަށް ކަނޑައަޅާފައިވާ އަގަކީ 150،000 ޑޮލަރެވެ. ޝަލްޓްޒް ބުނި ގޮތުގައި މިހާރުވެސް 5000 ޕޭޖްވިއު ދުވާލެއްގެ މައްޗަށް ސައިޓަށް ލިބެމުން ދެއެވެ. މިއީ ހަމައެކަނި ”އެބޯލާ.ކޮމް“ ކިޔާ ސައިޓެއް އިނދޭތޯ ބެލުމަށް ނުވަތަ ސައިޓްގައި ހުރީ ކޮންއެއްޗެއްތޯ ބަލާލުމަށް މީހުން ޒިޔާރަތްކުރާ އަދަދެވެ.
މީގެ ކުރިންވެސް ޝެލްޓްޒްވަނީ ސިއްހަތާ އަދި އެހެނިހެން ކަންކަމާއި ގުުޅުންހުރި ޑޮމައިންތަށް އެންމެ ރަނގަޅުވަގުތުގައި މާރކެޓްގައި ވިއްކާލާފައެވެ. އެގޮތުން އޭނާގެ ޕަރޓްނާއާއި އެކު ވިއްކާލާފައިވާ ބައެއް ޑޮމައިންތަކަށް ބަލާއިރު “ ފުކުޝީމާ.ކޮމް ، ބަރޑްފުލޫ.ކޮމް ، ޕޮޓޭޝިއަމްއައޮޑޭޑް.ކޮމް “ ފާހަގަކޮށްލެވެއެވެ.
ޝްލެޓްޒް ހާމަކުރިގޮތުގައި އެބޯލާއަށް ފަރުވާހޮޑުމަށް ނުވަތަ ވެކްސިނެއް ހޯދުމަށް މަސައްކަތްތަށް ކުރާ ފަރާތްތަކަށް މި ޑޮމައިންގެ ބޭނުން ރަނގަޅުގޮތެއްގައި ކުރެވިދާނެއެވެ. އެގޮތުން އެފަރާތްތަކުން އާއްމުންނަށް ފޯރުވައިދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ޑޮމައިން އެހީވެދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.ަ