ފުވައްމުލަކު ސިޓީގައި އުފެދިފައިވާ ކޯވިޑް-19ގެ ތިން ކްލަސްޓާއިން މިހާތަނަށް50 މީހުން ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ދެ ކްލަސްޓާއެއް ފެނި އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސް ރޭގަނޑު ކާފިއު ހިންގަން ފެށީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ މުއްދަތު ދެ ވަނަ ފަހަރަށް ވަނީ އިތުރު ކޮށްފައި އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ތިން ވަނަ ކްލަސްޓާ އުފެދިފައިވާ ފުރަތަމަ ދެ ކްލަސްޓާ އާއި އެއްވެސް ގުޅުމެއް ނެތް މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެން ކަމަށެވެ. އަދި އެމީހާ އާއި ގުޅުން ހުރި މީހުންގެ ތެރެއިން ޕޮސިޓިވްވި މީހުންނާއި އެކު ޖުމްލަ ފުވައްމުލަކުން ޕޮސިޓިވްވި އަދަދު 50 އަށް އަރާފައިވާ ކަމަށެވެ.
އަދި އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 959 މީހުން ދެނެގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެ ސިޓީގއި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން މަނާކޮށްފއިވާއިރު ޒަރޫރީ ބޭނުންމެއްގައި ނޫނީ މަގުމައްޗަށް ނުކުތުން އޮތީ މަނާކޮށްފައި އެވެ.
ރޭގަނޑު 8:00 ން ފަތިހު 4:30 އަށް ކާފިއު ހިންގާއިރު އެ ނޫން ވަގުތުތަކުގައި އެއްފަހަރާ މަގުމައްޗަށް ނުކުމެ އުޅެވޭނީ ގިނަވެގެން ތިން މީހުންނަށެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައި އެވެ.
ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އަންގާފައިވާއިރު އެކަނި ކުރާ ކަސްރަތު ފިޔަވާ އިތުރު ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ މަނާކޮށްފައި އެވެ.
މީގެ އިތުރުން ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ޑެލިވަރީގެ ހިދުމަތް ފިޔަވާ ދެމުންގެންދާ އެހެން ހިދުމަތްތައް ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގާފައި އެވެ.