ރާއްޖޭގެ ވިޔަފާރިތަކުން ލިބޭ ޑޮލަރު ގައުމުން ބޭރު ކުރުމުގައި ގެންގުޅެމުންދާ އުސޫލާމައި މެދު ކަންބޮޑުވުން ފާޅުކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ. ހާރޫން ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވެފައިވަނީ ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވައްދާ ބޭރުގެ ބޭންކްތަކަށް ޖަމާކުރާތީ ކަންބޮޑުވާ ކަމަށެވެ.
އޭނާ ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިޔަން ޑޮލަރުގެ ވިޔަފާރި، ބޭރު ފައިސާއިން ކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އަދި ރާއްޖޭން ބޭރުވެފައި ވަނީ ކިހާވަރެއްކަން އެނގެން ނެތް ކަމަށެވެ.
ހާރޫން ވިދާޅުވީ މި މައްސަލަ އަށް ހަައްލެން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގައި ހިނގާ ހުރިހާ ވިޔަފާރިތަކަށް ސޭލްސްގެ ގޮތުގައި ލިބޭ ފައިސާ އާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާމްދަނީ އަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުން ނުވަތަ މަނާކުރުން މުހިއްމު ކަމަށެވެ.