ފަލަސްތީނުގެ މަސްރަހު ހައްލަކަށް އެޅުވުމަށް އަސްކަރީ ފައުޖުތައް ފޮނުވި ދާނެ: ސީސީ

ފަލަސްތީނާ އިޒްރޭލާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތައް ހައްލަކަށް އެޅުވުމަށް މިސްރުގެ ސިފައިންގެ ފައުޖުތައް ފަލަސްތީނަށް ފޮނުވިދާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވެއްޖެ އެވެ.

ސީސީ މިހެން ވިދާޅުވީ ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިޓަލީއަށް ވަޑައިގެން އިޓަލީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ސީސީ ވިދާޅުވީ ފަލަސްތީނު އަދި އިޒްރޭލުގެ މަސްރަހް ހައްލު ކުރުމަށް ފައުޖުތައް ފޮނުވުމާމެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންއަންނަ ކަމަށެވެ.

”އެ ސަރަހައްދުގެ މަސްރަހް ހަމައަކަށް އެޅެންދެން މިސްރުން ސިފައިންގެ ފައުޖުތައް ފޮނުވިދާނެ، އެ ފައުޖުތައް ފަލަސްތީނު އަދި އިޒްރޭލު ސިފައިންނާ ގުޅިގެން މަސައްކަތް ކޮށް މަސްރަހަށް ފިނިކަމެއް ގެނެވޭނެ ކަމަށް ގަބޫލު ކުރެވޭ“ ސީސީ ވިދާޅުވި އެވެ.

ސީސީ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ސަރުކާރާ ދެކޮޅަށް އަސްކަރީ ބަގާވާތެއް ގެނައުމަށްފަހު 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ސީސީ ޔޫރަޕްގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުތަކާއި މިސްރާމެދު ގުޅުން ބަދަހުކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *