”މިނާގެ ހާދިސާއިން އަލްޖީރިއާ އަންހެނަކު ސަލާމަތްވުން، ސަބަބަކަށް ވީ ފިރިމީހާއަށް ތެދުވެރިވެ އޯގާތެރިވުން“

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށް ދިޔައިރު މިދިޔަ ބުރާސްފަތި ދުވަހު މިނާގައި ހައްޖާޖީންތަކެއް ފިތިގެން ހިނގި ހާދިސާއަކީ ހިތާމަވެރި ހާދިސާ އެކެވެ. ނިޔާވި ހައްޖާޖީންގެ އަދަދު 769 އަށް އަރާފައިވާއިރު ޒަހަމްވި ހައްޖާޖީންގެ އަދަދު އުޅެނީ 800 އަށްވުރެ މަތީގަ އެވެ.

މި ވާހަކައަކީ އެ ހާދިސާއިން ސަލާމަތްވި އަލްޖީރިއާގެ ހާޖީއެއް ކަމަށްވާ އުމުރުން 62 އަހަރުގެ އާއިޝާ އިޔާދާ އެ ހާދިސާއިން ސަލާމަތް ވި ގޮތުގެ ވާހަކަ އެވެ.

އަލް ހަޔާތު ނޫހަށް ދިން އިންޓަވިއުއެއްގައި އިޔާދާ ބުނީ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރަމުންދިޔައީ އުމުރުން 73 އަހަރުގެ އޭނާގެ ފިރިމީހާ މުހައްމަދު ރާޖީ އާއި އެކުގައި ކަމަށާއި ޖަމްރައަތަށް ހިލަ އުކަން ދިއުމުގެ މަގުމަތީގައި ރާޖީގެ ބަނޑުގައި ރިއްސާތީ އެ ވާހަކަ އިޔާދާ ގާތުގައި ބުނި ކަމަށެވެ.

”ބަނޑުގައި ވަރަށް ގަދަޔަށް ރިއްސާތީ އެވާހަކަ ބުނި، އަހަރެން ބުނިން ހިނގާފައި ޓެންޓަށް ދިއުން ރާޖީއަށް ފަސޭހަ ކަމަކަށް ނުވާނޭ، މަގުގެ އެއް ފަރާތުގައި މަޑުކޮށްލާށޭ، ޓެންޓަށް ގޮސް ތަދު ކަނޑުވާ ބޭސް ހިފައިގެން އަންނާނަމޭ ބުނިން، ރާޖީ އެކަމާ ދެކޮޅު ހެދި، އެހެނަސް އަހަރެން ކުރުނުކުރުމުން ރާޖީވެސް އެކަމަށް އެއްބަސްވި“ އިޔާދާ ކިޔާދިނެވެ.

އިޔާދާ ބުނެފައިވަނީ ޓެންޓަށްގޮސް ތަދު ކަނޑުވާ ބޭސްހިފައިގެން އައިއިރު ފެނުނީ މުޅިން އެހެން މަންޒަރެއް ކަމަށާއި ކޯޑަން ޖަހާ އެ ސަރަހައްދު ބަންދުކޮށް އެމްބިއުލާންސަށް މީހުންތައް އަރުވަމުންދާ މަންޒަރު ފެނުމުންވެސް ފިރިމީހާ ފެނޭތޯ މަސައްކަތް ކުރި ކަމަށެވެ. އަދި ފެނުނީ ފިތި ބާރުވެފައިވާ މީހުންގެ ތެރޭގައި ނިޔާވެފައި އޮއްވާ ކަމަށްވެސް އިޔާދާ ކިޔާދިނެވެ.

”އަހަރެމެންގެ ދިހަ ދަތިން އެބަތިބި، ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަވުމުން ރާޖީއަށް މަރުހަބާ ކިޔުމަށް ދަރިންތައް ގުޅަމުންދޭ، އަހަރެން ބުނަނީ ރާޖީ ނިދާފައި ކަމަށް، ދަރިން ގާތު އެވާހަކަ ބުނާނެ ހިތްވަރު އޭރު ނުލިބުނީ، އެންމެ ދޮށީ ދަރި އިއްޔެ ގުޅާފައި އެހި ފިތިގެން އެތައް ހައްޖާޖީއަކު ނިޔާވި ނޫންހޭ އެ ހާދިސާގައި މަންމަ އަދި ބައްޕައަށް އެއްވެސް ކަމެއް ދިމާވިހޭ، އެ ހިސާބުން ނުބުނެ ކެތް ނުވީ، ދަރީންނަށްވެސް މިހާރު އެކަން ވާނީ އަންގާފައި“ އިޔާދާ ކިޔައިދިނެވެ.

އިޔާދާ އިތުރަށް ބުނީ އޭނާ ހުރީ ކެތްތެރިކަމާއި ތެދުވެރި ކަމާއެކުގައި ކަމަށާއި ތަގުދީރުގެ ނިޔާއާއިމެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި ފިރިމީހާ ކަފުންކޮށް ވަޅުލުމުގެ ކުރިން ފިރިމީހާގެ މޫނު އެއްފަހަރު ނަމަވެސް ބަލާލަން ބޭނުންވާކަމަށް އިޔާދާ ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *