މިއަހަރުގެ މިހާތަނަށް އައި އިރު މިޔަރުގެ ހަމަލާތަކުގައި މަރުވި މީހުންނަށް ވުރެ ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ގިނަކަން އެނގޭ ހެއްޔެވެ؟ މިއީ ސަމާސާ އެއް ނޫނެވެ.
މި އަހަރު މިޔަރުގެ ހަމަލާތަކުގައި މަރުވެފައިވަނީ އެންމެ އަށް މީހުންނެވެ. އެހެން ނަމަވެސް ސެލްފީނަގަން އުޅުމުގެ ތެރޭގައި 12 މީހުން މަރުވެފައި ވެ އެވެ. މި މަހުގައިވެސް އިންޑިއާގެ ތާޖް މަހަލްގައި ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ޖަޕާނުގެ 66 އަހަރުގެ ފަތުރުވެރިއެއް ސިޑިމަތިން ވެއްޓި ވަނީ މަރުވެފައެވެ.
ސެލްފީނަގަން އުޅުމުގެ ތެރޭގައި މަރުވި މީހުންގެ ތެރެއިން ހަތަރު މީހުން މަރުވެފައިވަނީ އުސް ތަނަކުން ވެއްޓުމުގެ ސަބަބުންނެވެ. މީގެ އިތުރުން ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ރޭލެއްގައި ޖެހިގެން ވެސް މީހަކު މަރުވެފައި ވެ އެވެ.
ގިނަ މީހުން ސެލްފީ ނަގަނީ ސޯސަލް މީޑިޔާއަށް އެ ފޮޓޯތައް ލުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް ފުރިހަމަ ސެލްފީއެއް ކާމިޔާބުވުމުގެ ކުރިން ދިމާވާ ހިތާމަވެރި ހާދިސާތައް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގިނަވަމުންނެވެ. މިގޮތަށް ދިމާވާ ހާދިސާ ތަކުގައި ކޮންމެ ފަހަރަކު މަރާ ކުރިމަތި ލާން ނުޖެހުނުކަމުގައި ވީނަމަވެސް ގިނަ ބަޔަކަށް ދަނީ ބޮޑަތި ގެއްލުންތަކާ ކުރިމަތިވަމުންނެވެ.
މިފަދަ ހާދިސާތައް ގިނަވަމުންދާތީ ރަޝިޔާގެ ސަރުކާރުންވެސް ވަނީ ފަތުރުވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އަދި ގިނަ ގައުމުތަކުގެ ފަތުރުވެރިން ޒިޔާރަތް ކޮށް އުޅޭ ގިނަތަންތަނުގައި ސެލްފީނެގުން ދަނީ މަނާކުރަމުންނެވެ.
ދިވެހިންގެ މެދުގައިވެސް ސެލްފީ ނެގުމަކީ ވަރަށް މަގުބޫލްކަމެކެވެ. ދިވެހިންގެ ތެރޭގައި ދުވާލުގެ ހަތަރު އިރަށް ކާ ބޭހެއް ގޮތަށް ސެލްފީނަގާ އުޅޭ މީހުން ގިނައެވެ. އަދި އެކަކު އަނެކަކަށްވުރެ ރީތިކޮށް އަދި މޮޅުކޮށް ސެލްފީނެގުމަށް ދިވެހިންގެ މެދުގައި ވަނީ ވާދަވެރިކަން އުފެދިފައެވެ. އެހެން ނަމަވެސް ސެލްފީއެއް ނެގުމުގެ ކުރިން ތިމާގެ ރައްކާތެރިކަމަށް ވިސްނައިގެން ސެލްފީނެގުމަށް ސަމާލުކަން ދޭންއެބަ ޖެހެއެވެ.